ފްރެންޗް ލީގުގައި ރީމްސްއާ ދެކޮޅަށް ޕީއެސްޖީއިން ކުޅުނު މެޗު 2-2 އިން އެއްވަރުވެއްޖެއެވެ.

ޕީއެސްޖީގެ ދަނޑު ކަމުގައިވާ ޕާކް ޑެ ޕްރާންސްގައި ކުޅުނު މެޗަށް ޕީއެސްޖީއިން ނިކުތީ އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ ކިލިއަން އެމްބާޕޭ ފުރަތަމަ އެގާރައިގައި ނުހިމަނައެވެ.

މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. އެގޮތުން މެޗުގެ 7 ވަނަ މިނެޓުގައި ރީމްސް ވަނީ ވަރުގަދަ ޕީއެސްޖީއާ ދެކޮޅަށް ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މިޑްފީލްޑަރު މާޝަލް މުނެޓްސީއެވެ.

ރީމްސްއަށް މެޗުގައި ލީޑު ހިފަހައްޓާލެވުނީ އެންމެ ދިހަ މިނެޓަށެވެ. މެޗުގެ 17 ވަނަ މިނެޓުގައި ރީމްސްގެ ޑިފެންޑަރު ޔޫނިސް އަބްދުލްހަމީދުގެ އަތުން ބައިކޮޅަށް ވަދެގެންދިޔަ ލަނޑާއެކު ޕީއެސްޖީ ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އޭގެ ދެމިނެޓު ފަހުން ގޮންޒާލީ ރާމޯސް ކާމިޔާބު ކޮށްދިން ލަނޑާއެކު ޕީއެސްޖީއިން ވަނީ މެޗުގެ ނަތީޖާ އަނބުރާލާފައެވެ.

މެޗުގައި ރީމްސްގެ ދެވަނަ ލަނޑު ފެނިގެންގޮސްފައި ވަނީ ފުރަތަމަ ހާފުގެ ކުޅުން ހަމަވެ ކުޅުނު އިތުރު ވަގުތުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އުމަރު ޑިއަކިޓޭއެވެ. އުމަރުގެ ލަނޑާއެކު ރީމްސްއަށް ވަނީ ވަރުގަދަ ޕީއެސްޖީ ހިފަހައްޓާލައި މެޗު އެއްވަރު ކޮށްލެވިފައެވެ.

މެޗުން އެއްވަރުވި ކަމުގައިވިއަސް ޕީއެސްޖީ އޮތީ ތާވަލުގެ އެއްވަނައިގައި ވަރަށް ބޮޑު ލީޑަކާއެކުގައެވެ. އެޓީމުން ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 25 މެޗުން ލިބުނު 56 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ބްރެސްޓްއަށް ލިބިފައިވަނީ 46 ޕޮއިންޓެވެ. ޕީއެސްޖީ ހިފަހައްޓާލި ރީމްސް އޮތީ, ކުޅުނު 25 މެޗުން ލިބުނު 35 ޕޮއިންޓާއެކު ތާވަލުގެ ނުވަވަނައިގައެވެ.