ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ރޯދަ މަސް ފެށުމުގެ ކުރިން ދީނިންމާވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވީވައުދު ރޭ ފުއްދައިފިއެވެ.

މަސްވެރިންނަށް ސަރުކާރުން ދޭންޖެހިފައި އޮތް ހުރިހާ ފައިސާއެއްދީ ޚަލާސް ކުރެވިއްޖެކަން އިއުލާ ކުރެއްވީ ރައީސް ޑރ.މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓަކުންނެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ މަސްވެރިންނަށް ދީފައިވާނީ މިދިޔަ ހުކުރު ދުވަހާ ހަމައަށް މިފްކޯއަށް މަސްކިރުވައިގެން މަސްވެރިންނަށް ނުލިބިވާ ފައިސާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 157 މިލިޔަން ދިވެހި ރުފިޔާއެވެ.

"މަސްވެރިންނަށް، މިދިޔަ ހުކުރު ދުވަހާ ހިސާބަށް ކިރުވި ހުރިހާ މަހަށް، ފައިސާދީ ބެކްލޮގް އެއްކޮށް ކްލިއަރ ކުރެވިއްޖެ" ޜައީސް ޑރ.މުއިޒް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

މަސްވެރިންނަށް ފައިސާ ލިބުން ދަތިވީ މިހާރުގެ ސަރުކާރުން މިދިޔަ ނޮވެމްބަރު މަހު ދައުލަތާ ހަވާލުވިއިރު، ކުރީގެ ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ 250 މިލިޔަނެއްހައި ރުފިޔާ ނުދީ އޮތުމުން ކަމަށް ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް އެކި ފަހަރު މަތިން ވަނީ ވިދާޅުވެފައެވެ. އަދި މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރާނީ މިސަރުކާރުން ކަމަށްވެސް މިނިސްޓަރ ޝިޔާމް ވިދާޅުވެއެވެ.