އޭއެފްސީ ޗެމްޕިއަންސް ލީގުގެ އަލްއައިންއާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލުގައި އެގްރިގޭޓުން 4-4 އިން އެއްވަރުވެ ޖެހި ޕެނަލްޓީ ޝޫޓްއައުޓުން ބަލިވެ, އަލްނަސްރު މުބާރާތުން ކަޓައިފިއެވެ.
ސައުދީ އަރަބިއާގެ އަލްއައްވަލް ސްޓޭޑިއަމްގައި ކުޅުނު މެޗަކީ މުބާރާތުގެ ކުއާޓާގެ ދެވަނަ ލެގެވެ. އަލްއައިން ރޭގެ މެޗަށް ނިކުތީ ކުއާޓާގެ ފުރަތަމަ ލެގުގައި އަލްނަސްރު އަތުން 1-0 އަކުން މޮޅެވެގެންނެވެ.
މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެންގޮސްފައިވަނީ ވަރަށް ވާދަވެރި ކުޅުމުކެވެ. މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ އަލްއައިނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ, މެޗުގެ 28 ވަނަ މިނެޓުގައި ސުފިޔާން ރަހީމީއެވެ. މެޗުގެ 45 ވަނަ މިނެޓުގައި ސުފިޔާން ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި އަލްއައިންގެ ލީޑު ދެގޯލަށް ފުޅާކޮށްދީފައެވެ.
ފުރަތަމަ ހާފުގެ ކުޅުން ހަމަވެ ކުޅުނު އިތުރު ވަގުތުގައި އަލްނަސްރުގެ އަބްދުއްރަހްމާން އަލްގަރީބް ވަނީ ލަނޑު ޖަހައި އަލްއައިންގެ ލީޑު އެއް ގޯލަށް ކުޑަކޮށްފައެވެ. ގަރީބްގެ ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 އިން އަލްއައިން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި އަލްނަސްރުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް, މެޗުގައި ލަނޑެއް ޖެހުމަށް އެތައް ރަނގަޅު ފުރުސަތުތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 51 ވަނަ މިނެޓުގައި އަލްއައިންގެ ގޯލްކީޕަރު ހާލިދް އީސާ އަތުން ބައިކޮޅަށް ވަދެގެންދިޔަ ލަނޑާއެކު އެޓީމުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
އަލްނަސްރުން މެޗުގެ ނަތީޖާ އަނބުރާލާ, ކުއާޓާ ފައިނަލުގެ ނަތީޖާ ހަމަހަމަ ކުރީ 72 ވަނަ މިނެޓުގައި އެލެކްސް ޓެލެސް ކާމިޔާބު ކުރި ލަނޑުންނެވެ. ޓެލެސްގެ ލަނޑާއެކު މެޗު ވަނީ އިތުރު ވަގުތަށް ގޮސްފައެވެ.
މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި އަލްއައިން ވަނީ އެޓީމުގެ ތިންވަނަ ލަނޑުޖަހައި ކުއާޓާގެ ލީޑު އަނބުރާ ނަގާފައެވެ. ނަމަވެސް އިތުރު ވަގުތުގެ ދެވަނަ ހާފުގައި އަލްނަސްރުގެ ސުޕަސްޓާ ކްރިސްޓިއާނޯ ރޮނަލްޑޯ ވަނީ ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ވައްދާލައި, މެޗު ޕެނަލްޓީއާ ހަމައަށް ގެންގޮސްފައެވެ.
އަލްއައިނުން ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބު ކުރީ 3-1 އިންނެވެ. އަލްނަސްރަށް ކާމިޔާބު ކުރެވުނު ހަމައެކަނި ޕެނަލްޓީއަކީ ޓީމުގެ ކެޕްޓަނު ރޮނަލްޑޯ ޖެހި ޕެނަލްޓީއެވެ. ނަމަވެސް ޕެނަލްޓީ ޝޫޓްއައުޓުން ބަލިވުމާއެކު އޭނާއަށް މިވަނީ މުބާރާތަށް އަލްވަދާއު ކިޔަން ޖެހިފައެވެ.