މޮރޮކޯގެ ގައުމޯ ޓީމު ތަމްސީލު ކުުރުމަށް ރެއާލް މެޑްރިޑުގެ ޒުވާން ފޯވާޑް ބްރާހިމް ޑިއާޒް ނިންމައިފިއެވެ.

ޑިއާޒް, އޭނާގެ ބައްޕަ ފަރާތުގެ ކާފަގެ ގައުމު ކަމުގައިވާ މޮރޮކޯ ތަމްސީލު ކުރަން ނިންމީ, ފުޓުބޯޅައިގެ ގަދަ ބާރެއް ކަމުގައިވާ ސްޕެއިން ތަމްސީލު ކުރުމުގެ ފުރުސަތު އޮއްވައެވެ.

އޭނާ ވަނީ ސްޕެއިންގެ 17 އަހަރުން ދަށުގެ ޓީމުގެ އިތުރުން 19 އަހަރުން ދަށުގެ ޓީމަށް ވެސް ކުޅެދީފައެވެ. ނަމަވެސް މަތީ ފެންވަރުގައި ސްޕެއިން ތަމްސީލު ކުރުމުގެ ބަދަލުގައި މޮރޮކޯއަށް ކުޅެން ޑިއާޒް ވަނީ ނިންމާފައެވެ. ރިޕޯޓުތަކުން ހާމަ ކުރާ ގޮތުގައި ޑިއާޒް އެގޮތަށް ނިންމީ ސްޕެއިންގެ ގައުމީ ޓީމުން އޭނާ ސްކޮޑުގައި ހިމެނުމަށް އެއްވެސް ވަރަކަށް މަސައްކަތް ކޮށްފައި ނުވާތީއެވެ.

މޮރޮކޯ ތަމްސީލު ކުރުމަށް ޑިއާޒް ނިންމި ނިންމުމަށް އިހުތިރާމު ކުރާ ކަމަށް ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗު ލުއީސް ޑިލަ ފޮންޓޭ ވަނީ ބުނެފައެވެ.

"ކޮންމެ މީހަކަށް ވެސް އަމިއްލަ ނިންމުންތައް ނިންމުމުގެ މިނިވަންކަން އޮވޭ. ޑިއާޒް މޮރޮކޯ ތަމްސީލު ކުރުމަށް ނިންމި ނިންމުމަށް އަހަރެން އިހުތިރާމް ކުރަން" ސްޕެއިންގެ ގައުމީ ޓީމު ދޫކޮށް, މޮރޮކޯ ތަމްސީލު ކުރުމަށް ޑިއާޒް ނިންމި ނިންމުމާ ބެހޭ ގޮތުން ވާހަކަދައްކަމުން ލުއީސް ބުންޏެވެ.

24 އަހަރުގެ ބްރާހިމް ޑިއާޒް މިވަގުތު ކުޅެމުން އަންނަނީ ވަރުގަދަ ރެއާލް މެޑްރިޑަށެވެ. އޭނާ ވަނީ 2020 ވަނަ އަހަރާއި 2023 ވަނަ އަހަރާ ހަމައަށް އިޓަލީގެ އޭސީ މިލާނަށް ވެސް ކުޅެދީފައެވެ. އޭނާ ވަނީ މިސީޒަނުގައި ރެއާލަށް 30 މެޗު ކުޅެދީ 7 ލަނޑު ކާމިޔާބު ކޮށްދީފައެވެ.