އުމުރު އޮޅުވާލި ކަމަށް ތުހުމަތުކޮށް ކެމެރޫންގެ ފުޓުބޯޅަ ފެޑެރޭޝަނުން އެގައުމުގެ 62 ކުޅުންތެރިޔަކު ސަސްޕެންޑު ކޮށްފިއެވެ.

ކެމެރޫންގެ ފެޑެރޭޝަނުން ސަސްޕެންޑުކޮށްފައިވާ 62 ކުޅުންތެރިންގެ ތެރޭގައި މިދިޔަ ޖަނަވަރީ މަހު ކުޅުނު އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ގައި ކެމެރޫން ޓީމުގެ ހިމެނުނު ވިލްފްރައިޑް ނޭތަން ޑުއާލާ ވެސް ހިމެނެއެވެ. އޭނާ އޭރު ޓީމުގައި ހުރީ އޭނާގެ އުމުރުން އެންމެ 17 ކަމަށް ބުނެފައެވެ. ނަމަވެސް ކެމެރޫން ފެޑެރޭޝަނުން ހިންގި ތަހުގީގުތަކުން އޭނާ އެއަށްވުރެ ދޮށީ ވާނެ ކަމަށް ބަލާފައި އޭނާ ވަނީ ކެމެރޫން ޓީމަށް ކުޅުމުން ސަސްޕެންޑު ކޮށްފައެވެ.

ކެމެރޫންގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ކަމުގައިވާ ސެމުއެލް އެޓޯ އަންނަނީ, ކެމެރޫންގައި އުމުރާ ބެހޭ ގޮތުން ދޮގު ހަދާ ކުޅުންތެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އޭނާ ވަނީ އުމުރާ ބެހޭ ގޮތުން ދޮގު މައުލޫމާތު ހާމަ ކުރާ ހުރިހާ ފަރާތްތަކެއް ފުޓުބޯޅަ ކުޅުމުން ސަސްޕެންޑު ކުރުމަށް އަމުރުކޮށްފައެވެ.

ކެމެރޫންގައި އުމުރާ ބެހޭ ގޮތުން ދޮގު ހަދައިގެން ކުޅެމުން އަންނަ ކުޅުންތެރިން ހުއްޓުވުމަށް އެގައުމުން އަންނަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. އެގޮތުން 2022 ވަނަ އަހަރު 44 ކުޅުންތެރިޔަކު, ކެމެރޫންގެ ފެޑެރޭޝަނުން ވަނީ އުމުރާ ބެހޭ ގޮތުން ނުރަނގަޅު މައުލޫމާތު ހާމަކުރިކަމުގެ ތުހުމަތުގައި ތަހުގީގު ކޮށްފައެވެ.