ރޯދަ މަހާ ދިމާކޮށް އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ނަމާދު ކޮޓަރިއެއް އެޓީމުން ހުޅުވައިފިއެވެ.

ރޯދަ މަހުގައި ރޯދައަށް ތިބޭ ކުޅުންތެރިންނަށް ހާއްސަކޮށް ހެދި ނަމާދު ކޮޓަރި ހުޅުވާފައިވަނީ އިއްޔެގެ މެންދުރުގައެވެ.

މިނަމާދު ކޮޓަރި ހުޅުވައިދީފައި ވަނީ އާސެނަލްއަށް ކުޅެމުން އަންނަ މުސްލިމެއް ކަމުގައިވާ މުހައްމަދް އެލްނޭނީއެވެ. އޭނާ ވަނީ އެނަމާދު ކޮޓަރި ހުޅުވުމުން އޭނާގެ ކްލަބާ މެދު ފަހުރުވެރިވާކަމަށް ބުނެފައެވެ.

"އަހަރެން ވަރަށް ފަހުރުވެރިވަން ނަމާދު ކޮޓަރިއެއް ގާއިމުކުރެވުނީމަ. މިކޮޓަރީގެ ސަބަބުން ބައިވަރު ކުޅުންތެރިންނަށް އެތައް ގޮތަކުން ފައިދާތައް ވެގެންދާނެ. މިކޮޓަރި ހުޅުވުމަށްޓަކައި އެހީވެދެއްވި ހުރިހާ ފަރާތްތަކަށް ފަށްފަށުން ޝުކުރުއަދާ ކުރަން" އެމިރޭޓްސް ސްޓޭޑިއަމްގައި ހެދި ނަމާދު ކޮޓަރިއާ ބެހޭ ގޮތުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި އެލްނޭނީ ބުންޏެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި އަލަށް ހެދި ނަމާދު ކޮޓަރިއަކީ ހަމައެކަނި މުސްލިމުންނަށް ނަމާދު ކުރެވޭ ގޮތަށް ހެދި ކޮޓަރިއެއް ނޫން ކަމަށް އެކްލަބުން ވަނީ ހާމަކޮށްފައެވެ. އެކޮޓަރިއަކީ ހުރިހާ ދީނެއްގެ ކުޅުންތެރިންނަށް ވެސް ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކޮޓަރިއެއް ކަމަށް އެކްލަބުން ވަނީ ބުނެފައެވެ.