މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 55 އަހަރުން މަތީގެ ފަރާތްތަކަށް ކޯވިޑް-19 ގެ ވެކްސިން ދިނުން މިއަދު ފެށުމަށް ހަމަޖެހިއްޖެއެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި ތިން ތަނަކުން މިއަދު 55 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދިނުން ކުރިއަށްގެންދާނެއެވެ. އެގޮތުން ސޯޝަލް ސެންޓަރާއި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުން މިއަދު ހެނދުނު 9 އިން ފެށިގެން ހަވީރު 5 އާ ހަމަޔަށް ވެކްސިން ދިނުން ކުރިއަށްގެންދާނެއެވެ. އަދި ވިލިމާލެ ޔޫތް ސެންޓަރުން ހެނދުނު 9 އިން މެންދުރު 1 އާއި ހަމައަށް ވެކްސިން ދިނުން ކުރިއަށްގެންދާނެއެވެ.

ވެެކްސިން ޖަހަންދާއިރު ބަލަންޖެހޭ ކަންތައްތައް:

– އައި.ޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށް

– ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީންގައި ހުރި މީހަކަށް ނުވުން

– ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން (ކޮނޑު) ދެއްކޭނެ ހެދުމެއްލުން

– ވެކްސިންޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން

– ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން

– ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުން

ރާއްޖޭގައި ކުރިއަށްދާ ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ތެރެއިން އިއްޔެގެ ނިޔަލަށް ވަނީ 4000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ދީފައެވެ.