ސައުދީގެ އަލްހިލާލުން އެންމެ ފަހުން ކުޅުނު 28 މެޗުން މޮޅުވެ, ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވި ކަމުގެ ދުނިޔޭގެ ރެކޯޑު ޤާއިމް ކޮށްފިއެވެ.
އަލްހިލާލަށް މިރެކޯޑު ލިބުނީ އޭއެފްސީ ޗެމްޕިއަންސް ލީގުގައި އަލްއިއްތިހާދު އަތުން 2-0 އިން މޮޅުވެގެންނެވެ. ކުރިން މިރެކޯޑު އޮތީ ވޭލްސްގެ ކްލަބެއް ކަމުގައިވާ ދަ ނައު ސެއިންޓްސް އަތުގައެވެ. އެޓީމުން މިރެކޯޑު ހަދާފައިވަނީ 2016-2017 ގެ ސީޒަނުގައި ޖެހިޖެހިގެން 27 މެޗުން މޮޅުވެގެންނެވެ. ނަމަވެސް އަލްހިލާލުން ރޭގައި ކުޅުނު މެޗުން މޮޅުވުމާއެކު އެޓީމުން ވަނީ ޖެހިޖެހިގެން 28 މެޗުން މޮޅުވެ ކުރީގެ ރެކޯޑު މުގުރާލާފައެވެ.
މިރެކޯޑު ލިބުމާއެކު އަލްހިލާލުގެ ކޯޗު ހޯހޭ ޖެސުސް ވަނީ އަލްހިލާލުގެ ކުޅުންތެރިންނާއި ސްޓާފުންގެ ބުރަ މަސައްކަތް ފާހަގަ ކޮށް, ޓީމުގެ ހުރިހާ މުވައްޒަފުންނަށް ތައުރީފު ކޮށްފައެވެ.
"އަލްހިލާލުގެ ހުރިހާ ބޭފުޅުން ވެސް މިލިބުނު ކާމިޔާބީއާ މެދު ވަރަށް ފަހުރުވެރިވޭ. މިއީ ވަރަށް ބޮޑު ކާމިޔާބީއެއް. މިކާމިޔާބީ ހޯދުމަށް ޓަކައި ކްލަބުގެ ހުރިހާ ބޭފުޅުން ކުރި ބުރަ މަސައްކަތައް ވަރަށް ބޮޑަށް ޝުކުރުވެރިވަން" ލިބުނު ރެކޯޑާ ބެހޭ ގޮތުން ވާހަކަދައްކަމުން ޖެސުސް ބުންޏެވެ.
މިދިޔަ ސީޒަނުގައި ކުޅުންތެރިން ކްލަބަށް ގެނައުމަށް ޓަކައި 380 މިލިއަން ޑޮލަރު އަލްހިލާލުން ވަނީ ހޭދަކޮށްފައެވެ. ބޮޑު އަގުގައި ގެނައި ކުޅުންތެރިންގެ ސަބަބުން އަލްހިލާލް އަންނަނީ މިސީޒަނުގައި ތަފާތު ކުޅުމެއް ދައްކަމުންނެވެ. އެންމެ ފަހުން އަލްހިލާލަށް މެޗަކުން މޮޅު ނުވެވިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އެއީ ސައުދީ ލީގުގައި ޑަމަކް އަތުން 1-1 އިން އެއްވަރުވި މެޗެވެ.