ލާޒިއޯގެ ކޯޗު ކަމުން މައުރީޒިއޯ ސާރީ އިސްތިއުފާ ދީފިއެވެ.

އިޓަލީގެ ނޫސްތަކުން ހާމަކުރާ ގޮތުގައި ސާރީ އިސްތިއުފާ ދިނީ މިދިޔަ އަންގާރަ ދުވަހުއެވެ. ސާރީ އިސްތިއުފާ ދިނުމާއެކު ވަގުތީ ގޮތުން ކޯޗުގެ މަގާމަށް އެޓީމުގެ އެސިސްޓަންޓް ކޯޗު ޖިއޮވާނީ މާޓުސިއެލޯ ލާޒިއޯއިން ވަނީ އައްޔަނު ކޮށްފައެވެ.

ސާރީ އިސްތިއުފާ ދިން ކަން ޔަގީން ކޮށްދީ ލާޒިއޯއިން ވަނީ ފާއިތުވެދިޔަ ބުދަ ދުވަހު ބަޔާނެއް ނެރިފައެވެ. އެބަޔާނުގައި, ސާރީ އެކްލަބަށް ކޮށްދިން ހިދުމަތަށް އެކްލަބުން ޝުކުރު އަދާ ކޮށްފައިވެއެވެ.

"ޓީމުގެ ކޯޗު ކަމުގައި ހުރި މައުރީޒިއޯ ސާރީ އިސްތިއުފާ ދިނުމާއި ގުޅިގެން ވަގުތީ ގޮތުން ކްލަބުގެ ހިންގުމާއި ހަވާލުވާނީ ކްލަބުގެ އެސިސްޓަންޓް ކޯޗު ޖިއޮވާނީ މާޓުސިއެލޯއެވެ. ކްލަބުގައި ހޭދަކުރި ވަގުތުގައި ސާރީ ކްލަބަށް ކޮށްދިން ހިދުމަތްތަކުގެ އަގު ވަޒަންކޮށް އޭނާއަށް ޝުކުރުވެރިވަން" ސާރީ އިސްތިއުފާ ދިނުމާ ގުޅިގެން ލާޒިއޯއިން ނެރުނު ބަޔާނުގައި އެކްލަބުން ބުންޏެވެ.

ސާރީ ލާޒިއޯގެ ކޯޗު ކަމުން ވަކިވިއިރު އެޓީމު މިވަގުތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. އެޓީމު ވަނީ އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން ބަލިވެފައެވެ. އަދި އެޓީމު އޮތީ އިޓާލިއަން ސެރިއާގެ ނުވަ ވަނައިގައެވެ.