ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުުޅުނު ފަސް ކިލޯގެ ޑްރަގްސް ފުލުހުން އަތުލައިގަނެފިއެވެ.

ފުލުހުން ބުނިގޮތުގައި ކްރިމިނަލް ކޯޓުން އިއްޔެ އާންމުކުރި ކޯޓު އަމުރެއްގެ ދަށުން މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 34 އަހަރުގެ ޕާކިސްތާނުގެ ފިރިހެނެކެވެ. އަދި އެ މީހާގެ ދަބަހުން ފަސް ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވެއެވެ.

މީގެއިތުރުން ކްރިމިނަލް ކޯޓުން އެ މީހާގެ ބަންދުގެ މުއްދަތަށް ތިރީސް ދުވަސް ޖަހައިފައިވާއިރު ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބަކީ ރާއްޖެއަށް މަސްތުވާތަކެތި ގެނައުމާއި އޭގެ ވިޔަފާރިކުރުމަށް ބައިވެރިވުމެއް އޮތް މީހަކަށް ބެލެވޭތީއެވެ.

އަދި އެފަދަ މީހަކު ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތަތީވެ އާއި އަދި އޭނާ އަކީ ޕާކިސްތާނުގެ ރައްޔިތަކަށްވެފައި ފިލައިން ދިޔުމުގެ އިހުތިމާލެއްވެސް އޮތުމުން ކަމަށްވެސް އެ ކޯޓުން ބުނެފައިވެއެވެ.