ފްރެންޗް ކަޕުގެ ކުއާޓާގައި ނީސް އަތުން 3-1 އިން މޮޅުވެ ޕީއެސްޖީ މުބާރާތުގެ ސެމީއަށް ދަތުރުކޮށްފިއެވެ.
ޕީއެސްޖީގެ ދަނޑު ކަމުގައިވާ ޕާކް ޑެ ޕްރާންސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނީ ޕީއެސްޖީއިންނެވެ. އެގޮތުން މެޗުގެ 14 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޕީއެސްޖީގެ ސުޕާސްޓާ ކިލިއަން އެމްބާޕޭއެވެ.
ޕީއެސްޖީއިން އެޓީމުގެ ލީޑު ދެގޯލަށް އިތުރުކުރީ މެޗުގެ 33 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފަބިއަން ރުއީޒްއެވެ. މެޗުގެ 37 ވަނަ މިނެޓުގައި ނީސްގެ ގީޓަން ލަބޯޑޭ ކާމިޔާބު ކުރި ލަނޑާއެކު އެޓީމުން ވަނީ ޕީއެސްޖީގެ ލީޑު އެއް ގޯލަށް ކުޑަކޮށްފައެވެ. ލަބޯޑޭގެ ގޯލާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 އިން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.
ޕީއެސްޖީއިން އެޓީމުގެ ތިން ވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ 60 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ޑިފެންޑަރު ލޫކަސް ބެރަލްޑޯއެވެ. ބެރަލްޑޯގެ ލަނޑާއެކު ޕީއެސްޖީއިން ވަނީ ފަސޭހަކަމާއެކު ނީސް ހިފަހައްޓާލައި މެޗު ކާމިޔާބު ކޮށްފައެވެ.
މުބާރާތުގެ ސެމީއަށް ޕީއެސްޖީއިން ނިކުންނާނީ 4 އޭޕްރީލްގައެވެ. ސެމީގައި ޕީއެސްޖީ ނިކުންނާނީ ރެނެސްއާ ދެކޮޅަށެވެ.