ތަފާތު ބޮޑެތި ކުށްތަކަށް އަރައިގަތުމުގެ ބޭނުމުގައި ޓެލެގްރާމްގައި ހިންގަމުން ދިޔަ ހަ ގުރޫޕެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނެފައިވާގޮތުން އެ ގްރޫޕުތަކަކީ ''ޖަޒީރާ އެމްޑިމް''، ''ޖަޒީރާ ގާލްސް''، ''ޖަޒީރާ އެސްކޯޓް ގެލެރީ''، ''ޖަޒީރާ ސްކޭމް އެލާޓް ގެ އިތުރުން ''ޖަޒީރާ ލިންކު ހަބަރު'' އެވެ.

ފުލުހުން ރޭ ބުނީ މި މަމަހު 6 ވަނަ ދުވަހު މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އަދި ހައްޔަރުކޮށްފައިވާ މީހުންގެ މައްޗަށް މަނީ ލޯންޑަރިންއާއި ޑްރަގު ޓްރެފިކިންއާއި ހަށި ވިއްކުމާއި ހަށި ވިއްކުމަށް ހިތްވަރު ދިނުމާއި އޮރިޔާން ކާޑު އުފެއްދުމާއި އޮރިޔާން ކާޑު ބެހުމުގެ ކުށަށް ތުހުމަތުކުރެވޭ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ފަހަރު ވަނީ ފަސް ދުވަސް ޖަހައިދީފައި ކަމަށާއި ދެވަނަ ފަހަރަށް ހާޒިރުކުރުމުން ވަނީ 30 ދުވަސް ބަންދަށް ޖަހައިދީފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނިގޮތުގައި އެ ދެ މީހުން ހައްޔަރުކުރުމުގެ ކުރިން ސައިބާ ޕޮލިސިން ސެންޓަރުން ހިނގި އޮޕަރޭޝަނެއްގައި ވަނީ ހަތަރު ތަނެއް ބަލައިފާސްކޮށް، މައްސަލައާ ގުޅުންހުރި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އެތަކެތިން ހެކި ހޯދުމުގެ މަސައްކަތް ފޮރެންސިކުން ދަނީ ކުރަމުންނެވެ.

އެފަދަ ގާނޫނާހިލާފު ކަންކަމާ ދުރުވެ ތިބުމަށާއި އެފަދަ ކަންކަމުގައި ބައިވެރިނުވުމަށް އެ ފުލުހުންގެ ހިދުމަތުން ވަނީ އިލްތިމާސްކޮށްފައެވެ.