މާލޭ މަގުތަކަށް ކުނި އަޅާ މީހުންދެނެގަނެ އެ މީހެއް ލައްވާ ކުނި ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނީ މާލެ ސިޓީގެ މަގުތަކަކީ ސާފުތާހިރުތަނަކަށް ހެދުމަށް، މާލެ ސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށާއި މި މަސައްކަތުގައި ފަރުދީ ޒިންމާ އަދާކޮށް ބަލިތައް ފެތުރުމުން ރައްކާތެރިވުމަށް މަގުތަކަށް ކުނި އެޅުމުން ދުރުހެލިވާން ޖެހޭ ކަމަށެވެ.

އަދި މާލެ ތެރެއަށް ކުނި އަޅާ މީހުންނަށް ނަސޭހަތްދީ ޖޫރިމަނާ ކުރުމުގެ މަސައްކަތް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށާއި ކުނި އަޅާ މީހުން ނުވަތަ ބަޔަކު ދެނެގަނެވިއްޖެނަަމަ އެފަދަ މީހުން ލައްވާ ކުނިތައް ނަގުވާ މަގު ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މީގެއިތުރުން ސީސީޓީވީއާއި ދިވެހި ފުލުހުންގެ އެހީގައި ގަވާއިދާ ހިލާފަށް ކުނި އަޅާ މީހުން ފުލުހަށް ހާޒިރުކޮށް، އެމީހުން ޖޫރިމަނާ ކުރަން އެ ހިދުމަތުން މިހާރު ވަނީ ފަށާފައެވެ.

މާލެ ސިޓީ ކައުންސިލުން މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވާ ގޮތުގައި އިއްޔެ އެކަނިވެސް 42.15 ޓަނުގެ ކުނި މާޅެ ތެރެއިން ވަނީ އުކާލާފައެވެ. އަދި ފާއިތުވި 18 ދުވަސްތެރޭ 305.65 ޓަނުގެ ކުނި މާލެ ތެރެއިން ނެގާފައިވާކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.