ޕީއެސްޖީއިން, މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިނގިރޭސި ވިލާތުގެ މާކަސް ރަޝްފޯޑު އެކްލަބަށް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

ރިޕޯޓު ތަކުން ހާމަ ކުރާ ގޮތުގައި ރަޝްފޯޑުގެ ސޮއި ހޯދުމަށް ޓަކައި ޕީއެސްޖީއިން ވަނީ 75 މިލިއަން ޑޮލަރުގެ އަގެއް ދޭން ތައްޔާރުވެފައެވެ. ގަބޫލު ކުރެވޭ ގޮތުގައި މިއަންނަ ޓްރާންސްފާ ވިންޑޯގައި ޕީއެސްޖީއިން ޔުނައިޓެޑަށް 75 މިލިއަން ޑޮލަރުގެ އޮފިޝަލް ބިޑެއް ހުށައަޅާނެއެވެ.

ޕީއެސްޖީއިން ހުށައަޅާ އަގަކީ ޔުނައިޓެޑުން ރަޝްފޯޑަށް ކަނޑައަޅާފައިވާ 100 މިލިއަން ޑޮލަރަށްވުރެ ކުޑަ އަގެއް ކަމުން ޔުނައިޓެޑުން އޭނާ ވިއްކާލުމަށް އެއްބަސް ނުވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ރަޝްފޯޑު ވިއްކާލުމުން ޔުނައިޓެޑަށް ޕްރިމިއާ ލީގުގެ ފައިނޭންޝަލް ފެއާ ޕްލޭގެ ގަވާއިދު ތަކުގެ ސަބަބުން ކުރިމަތި ވެފައިވާ ފިއްތުން ތަކަށް ހައްލެއް ލިބިގެންދާނެތީ, އޭނާ ވިއްކާލުމަށް ޔުނައިޓެޑު އެއްބަސް ވުން އެކަށީގެންވާ ކަމަށް ބައެއް ރިޕޯޓު ތަކުން ވަނީ ހާމަކޮށްފައެވެ.

ޕީއެސްޖީ ވަނީ މީގެ ކުރިން 2022 ވަނަ އަހަރު ވެސް ރަޝްފޯޑު އެކްލަބަށް ގެނައުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެސީޒަނުގައި ރަޝްފޯޑު ދެއްކި މޮޅު ކުޅުމުގެ ސަބަބުން ޔުނައިޓެޑު ވަނީ އޭނާ ވިއްކާލަން ދެކޮޅު ހަދާ, އޭނާގެ ކޮންޓްރެކްޓް އާކޮށްފައެވެ. ނަމަވެސް މިސީޒަނުގައި އެންމެ އެދެވޭ ފަދަ ކުޅުމެއް ރަޝްފޯޑަށް ދެއްކިފައި ނުވާތީ އޭނާ ވިއްކާލުމަށް ޔުނައިޓެޑުން އެއްބަސް ވާނެ ކަމަށް ޕީއެސްޖީއިން އަންނަނީ އުއްމީދު ކުރަމުންނެވެ.