ލޯކަލް ކައުންސިލް އިންތިހާބު އިތުރަށް ލަސްނުކޮށް އޭޕްރިލް 10 ވަނަ ދުވަހު ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ އިންތިޚާބު ބޭއްވުމަށް އެޗްޕީއޭއިން އެކުލަވާލާ އާންމުކުރި ގައިޑްލައިނާއި އެއްގޮތަށް އިންތިޚާބު ބޭއްވުމަށް ގޮންޖެހުންތައް ހުރިކަމަށްބުނެ އިންތިޚާބު ފަސްކުރުމަށް މިހަފްތާގައި މަޖިލީހަށް ހުށައަޅާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅުގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކައުންސިލްތަކުގެ އިންތިހާބު ލަސްކުރުމަށް ސަބަބާއި ހުއްޖަތު ހޯއްދެވުމަށްވުރެއް ބޮޑަށް އެދެވެނީ މިހާރު އޮތް ދުވަހަށް އެކަން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށެވެ.
މިދިޔަ އަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް ލޯކަލް ކައުންސިލް އިންތިހާބު އަހަރު ދުވަހަށް ފަސްކޮށްފައިވަނީ ކޮވިޑް-19 އާއި ގުޅިގެން އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުންނެވެ. ކޮވިޑް-19އާ ގުޅިގެން އިންތިހާބު ފަސްކޮށް، މިހާރު މަގާމުގައި ތިބި ކައުންސިލަރުން މަގާމުގައި ބޭތިއްބުމަށް ނިންމުމަށްފަހު އަނެއްކާވެސް އިންތިހާބު ފަސްކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް އިސްލާހު ހުށަހެޅިއެވެ. އެހެންނަމަވެސް މަޖިލީހުން ފާސްކުރި ޕެންޑެމިކުގެ ތެރޭގައި އިންތިހާބު ބޭއްވޭނެ ގޮތެއްގެ މަތިން އިންތިހާބު ބޭއްވުމަށެވެ. އަދި މަޖިލީހުގެ އެ ނިންމުމާއި އެކު އީސީން ނިންމާފައިވަނީ އޭޕްރިލް 10 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ.
ނަމަވެސް އެތާރީޚަށް އިންތިޚާބު ނުބޭއްވިދާނެކަމުގެ ބިރު ހީވެފައިވާއިރު، އިދިކޮޅު ފަރާތްތަކުންވެސް އަންނަނީ އިންތިޚާބު ފަސްކުރާތީ އެކަމުގެ ކަނބޮޑުވުން ފާޅުކުރަމުންނެވެ.