ރާއްޖޭގައި ކުކުޅު ބިސް ވިއްކުމާއި ގެންގުޅުމުގައި ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެމްއެފްޑީއޭއިން މިކަމަށް އިލްތިމާސް ކޮށްފައިވަނީ އެ އޮތޯރިޓީން ނެރުނު ނޫސްބަޔާނެއްގައެވެ.

އެ އޮތޯރިޓީން އިތުރަށް ބުނީ ކުކުޅު ބިސް ވިއްކުމާއި ގެންގުޅުމާއި އަދި ރައްކާކުރުމުގައި އަމަލުކުރާ ގޮތުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ. އެހެންކަމުން ބިސް ވިއްކުމާއި ގެންގުޅުމާއި ރައްކާކުރުމުގައި ހާއްސަ ސަލާމުކަމެއް ދޭން ވާނެ ކަމަށް ބުނެފައި ވެއެވެ.

އެގޮތުން ސަމާލުކަންދޭންވީ ބައެއް ކަންތައްތަކުގެ ތެރޭގައި :

  • ނަޖިސް ހަރުލާފައި ނުވަތަ ބިހުގެ ތޮށި ހަޑިވެފައި ހުންނަ ބިސް ނުގަތުން
  • ފިނިކޮށް (އައިސް އަލަމާރީގައި) ބަލައްޓާފައި ހުންނަ ބިސް ގަތުމަށް އިސްކަން ދިނުން
  • ބިހުގެ މުއްދަތު ހަމަވާ ތާރީހު ބެލުން.
  • އަދި މުއްދަތު ހަމަވެފައި ހުންނަ ބިސް ބޭނުން ނުކުރުން
  • ރެނދުލާފައި ހުންނަ ބިސް ނުގަތުން
  • ބޭނުންވާ މިންވަރަށްވުރެ އިތުރަށް ބިސް ނުގަތުން
  • ބިސް ދޮވެގެން ބޭނުން ނުކުރުން (ބިސް ދޮވުމުގެ ސަބަބުން ބިހުގެ އެތެރެއަށް ޖަރާސީމާއި ކެމިކަލް ވާސިލްވުމަށް މަގުފަހިވޭ)
  • އެހެން ކާބޯތަކެތި ތަގައްޔަރު ނުވާނެހެން އައިސް އަލަމާރީގައި ބިސް ރައްކާކުރުން
  • ރޯނުފިލުވައި ހުންނަ ބިސް ބޭނުން ކޮށްގެން ތައްޔާރުކުރާ ކާބޯތަކެތި ބަހައްޓަންޖެހޭ ފިނިހޫނުމިނުގައި ބެހެއްޓުމުުގެ އިތުރުން އެފަދަ ތަކެތި އައިސް އަލަމާރިން ބޭރުގައި ދެ ގަޑިއިރަށްވުރެ ގިނަ އިރު ނުބެހެއްޓުން ހިމެނެއެވެ.