އެއްގަމާއި، ކަނޑާއި، ވައިގެމަގުންވެސް ގައުމު ދިފާއުކުރުމުގެ ޒަމާނީ އަސްކަރީ ގާބިލުކަން ދިވެހިރާއްޖޭގައި ވަރުގަދަކުރުމަށް، މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އެއަރ ކޯރ އިފުތިތާހުކޮށްދެއްވައި، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫ.އޭ.ވީ) ސިފައިންގެ ހިދުމަތަށް ތައާރަފުކޮށްދެއްވައިފިއެވެ.
ދިވެހިރާއްޖޭގެ ތާރީހުގައި މުޅިން އަލަށް ވައިގެ ބާރެއް އުފައްދަވައި، އެ ބާރުގައި ޔޫ.އޭ.ވީ ބޭނުން ކުރަން ފެށުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިގްލާލާއި، ސިޔާދަތު ހިމާޔަތްކޮށް ދިފާއުކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ އަދި މުހިންމު ފިޔަވަޅެކެވެ. މި ހިދުމަތުގެ ސަބަބުން، ރާއްޖޭގެ މަސްކަނޑުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއި، ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހިނގާފާނެ ޣައިރު ގާނޫނީ އަމަލުތައް ހުއްޓުމަށްވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޔޫ.އޭ.ވީ ތައާރަފުކޮށްދެއްވުމަށްފަހު، އެމް.އެން.ޑީ.އެފް އިން ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ބަލަހައްޓަން ފެއްޓުމުގެ ގަރާރުގައި ސޮއިކުރެއްވިއެވެ. އެއަށްފަހު އެމް.އެން.ޑީ.އެފް އަށް ޔޫ.އޭ.ވީ އާއި 'އެއަރ ސަރވެއިލަންސް' ގާބިލުކަން ހޯއްދަވައިދެއްވުމުގެ ޝަރަފުގައި، އެމަނިކުފާނަށް ހަތް ބަޑީގެ ސެލިއުޓެއް ދިވެހި ގައުމީ ދިފާއީ ބާރުން ވަނީ އަރުވައިފައެވެ.
މިރޭގެ ރަސްމިއްޔާތުގައި ރައީސް ވަނީ މަސްވެރިންނާއި ދަތުރުވެރީންނަށް ހާއްސަކޮށް އުފައްދާފައިވާ މޯބައިލް އެޕްލިކޭޝަން "ރަސް އައިނު" އިފުތިތާޙުކޮށްދެއްވައިފައެވެ. މި އެޕުން މޫސޫމީ އިންޒާރުތަކާއި، ކޯސްޓް ގާޑުގެ މުހިންމު މެސެޖުތައް ބެލެން ހުރެއެވެ. އަދި މަސްވެރިންނަށް މަސްއައިނު ހޯދުމަށާއި، އެހެނިހެން މުހިންމު ކަންކަމަށް މި އެޕްލިކޭޝަން ބޭނުންކުރެވޭނެއެވެ.
މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަރިހުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ނައިބުރައީސްއާ އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފު، މިނިސްޓަރ އޮފް ޑިފެންސް، މުޙައްމަދު ގައްސާން މައުމޫން، ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، އަދި ސިފައިންގެ އިސް ވެރިންނާއި، ދައުލަތުގެ އިސް ވެރިންނާ، ރާއްޖޭގެޢަސްކަރީ ހިދުމަތުގައި އިސް ދައުރެއް މީގެ ކުރީން އަދާކޮށްދެއްވާފައިވާ ވަރަށް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.