ދިވެހިރާއްޖެއަކީ ކަނޑުގެ ސަރަހައްދާއެކު ބޮޑުގައުމެއްކަމަށާ، ރާއްޖޭގެ ސަރަހައްދު ދެން ބަލަހައްޓާނީ ދިވެހީން އަމިއްލައަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އެއަރ ކޯރ އަދި އަންމޭންޑް އޭރިއަލް ވެހިކަލްސް އިފުތިތާހުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދިވެހިރާއްޖެއަކީ ކުޑަ ގައުމެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖެއަކީ 9 ލައްކަ އަކަ ކިލޯމީޓަރަށް ވުރެ ބޮޑު އިގުތިސާދީ ހާއްސަ ސަރަޙައްދެއް ހިމެނޭ ބޮޑު ގައުމެއްކަމަށާއި އަދި އެސަރަހައްދު އަމިއްލައަށް ބެލެހެއްޓުމުގެ ގާބިލުކަން މިހާރު ހުރި ގައުމެއްކަމުގައެވެ. އަަދި ދިވެހިރާއްޖެއަކީ މިނިވަން މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ގައުމެއްކަން ފާހަގަކުރައްވައި ރާއްޖެއިން ރާއްޖޭގެ އިންފާރު ބެލެހެއްޓުމަކީ އެހެން ބަޔަކު އެކަމާ ކަންބޮޑުވާންޖެހޭކަމެއް ނޫންކަމުގައި ވެސް ވިދާޅުވިއެވެ. ހަމައެހެންމެ ރާއްޖެއަކީ ހުރިހާ ގައުމަކާވެސް ގާތްގުޅުން އޮންނާނެ ބައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ރާއްޖޭގެ މިނިވަންކަން ހިމާޔަތްކުރުމަށްޓަކައި ދިވެހި އަސްކަރިއްޔާގައި އިތުރު ގިނަ ކަންތައްތައް ތައާރަފު ކުރައްވާނެކަން އެމަނިކުފާނު ވާހަކަފުޅުގައި އިއުލާނު ކުރެއްވިއެވެ. އެގޮތުން ކުރިން އަޅައިލުމެއް ނެތި ހުރި އަސްކަރީ ވަސީލަތްތައް އާބާތުރަ ފިލުވައި ރަނގަޅު ފެންވަރަކަށް ގެނެސް، އެތަންތަނަކީ ވެސް އަސްކަރިއްޔާގެ ބޭނުންތަކަށް އަދި ރައްޔިތުންނަށް ރަނގަޅަށް ހިދުމަތްކުރެވޭނޭ ފެންވަރުގެ ތަންތަނަށް ހެދުމަށް ބޭނުންވާ ވަސީލަތްތައް މިހާރު ހަމަޖައްސަވައިދެއްވާފައި ވާނެކަމުގައި ވިދާޅުވިއެވެ. ކޯސްޓްގާޑުގެ ކެޕޭސިޓީވެސް މި ފަސްއަހަރު ނިމޭއިރު މިހާރަށްވުރެ ދެގުނަ އިތުރު ކުރައްވާނެކަމަށާއި އެއަރ ކޯރ އަށްވެސް އިތުރު އުޅަނދުތައް އިތުރުކުރެވި، އެއްގަމުގައި ބޭނުންކުރާ ވެހިކަލްތަކާއި ޕްލެޓްފޯމްތައްވެސް އިތުރުކުރައްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެއަށް މުހިންމީ އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ ބާރުވެރިކަމުގައި ހުރިހާ މާނައެއްގައި މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ދެމިއޮތުންކަމުގައެވެ.
ގައުމު ދިފާއުކުރުމަކީ ހުރިހާ ފިކުރެއްގެ އަދި ހުރިހާ ގިންތިއެއްގެ ދިވެހިރައްޔިތުންގެވެސް ވާޖިބެއް ކަމަށާ، މިނިވަންކަމާ ގައުމުގެ ސިޔާދަތީ ކަންކަމުގައި އަޅުގަނޑުމެން ހުރިހާ ދިވެހީންގެ ފިކުރާ ދައްކާ ވާހަކަވެސް ގައުމުގެ ހައްގުގައި އެއްގޮތްވާން ޖެހޭނޭކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.