ދިވެހިރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ޝުކުރު އަދާކުރައްވައިފިއެވެ.
ތުރުކީވިލާތުގެ ރައީސަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ރޭ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އެއަރ ކޯރ އަދި އަންމޭންޑް އޭރިއަލް ވެހިކަލްސް އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޔޫ.އޭ.ވީ މެދުވެރިކޮށް ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ފެށިގެންދިއުމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ މިކަމުގައި އެންމެ ބޮޑު އެއްބާރުލެއްވުމެއް ދެއްވީ ތުރުކީވިލާތުގެ ރައީސްކަމުގައެވެ. ރައީސް ވިދާޅުވީ މިހާރު ތިން ޔޫ.އޭ.ވީ އޮތް ނަމަވެސް ތުރުކީއާ ރާއްޖެއާ އޮތް ގާތްކަމުގެ ތެރެއިން މުސްތަގުބަލުގައި އުޅަނދުތައް އިތުރުކުރެވިގެންދާނެކަމަށާ، އަދި މީގެ ތެރެއިން ގިނަ އާލާތްތަކަކީ މި ގާތްކަމުގެ ތެރެއިން ރާއްޖެއަށް ހިލޭ ހަދިޔާކުރައްވާފައިވާ ތަކެތި ކަމުގައެވެ.
މީގެ އިތުރުން ކޯސްޓުގާޑަށް އެކި ސައިޒުތަކުގެ އުޅަނދުތައް ހޯދައި ކޯސްޓުގާޑުގެ ގާބިލުކަން މިހާރަށްވުރެ ދެގުނަ ބޮޑުކުރުމަށް ކުރެވޭ މަސައްކަތާއި އަދި ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ ކަންކަންކުރުމަށްޓަކައި ތުރުކީވިލާތުގެ އިތުރުން އެކުވެރި ބައެއް ގައުމުތަކާއެކު މުއާމަލާތްތައް ކުރެވެމުންދާކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުފައި ފާހަގަކުރެއްވިއެވެ.