ޖަރުމަނުގެ ބުންޑަސްލީގާގައި ކޮލޯންއާ ދެކޮޅަށް ކުޅުނު މެޗު 5-1 އިން ކާމިޔާބުކޮށް, ލައިޕްޒިގް ތާވަލުގެ ހަތަރުވަނައަށް ޖެހިލައިފިއެވެ.
ކޮލޯންގެ ދަނޑު ކަމުގައިވާ ރެއިން އެނާޖީ ސްޓޭޑިއަމްގައި ކުޅުނު މެޗު ދެޓީމުން ފަށާފައިވަނީ ވަރަށް ވާދަވެރިކޮށެވެ. އެގޮތުން މެޗުގެ 15 ވަނަ މިނެޓުގައި ލައިޕްޒިގް ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓީމުގެ ޒުވާން ތަރި ޒަވީ ސިމޮންސްއެވެ. ލައިޕްޒިގަށް ލީޑު ހިފެހެއްޓުނީ އެންމެ ތިން މިނެޓަށެވެ. މެޗުގެ 18 ވަނަ މިނެޓުގައި ކޮލޯންގެ ސާޖިން އެޑަމްޔަން ވަނީ ލަނޑެއް ކާމިޔާބު ކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ސާޖިންގެ ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 އިން ދެޓީމު އެއްވަރުގެންނެވެ.
ދެވަނަ ހާފުގައި ލައިޕްޒިގް ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ހަމަލާއަކަށް ފަހު ހަމަލާއެއް ކޮލޯންގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ. އެގޮތުން މެޗުގެ 63 ވަނަ މިނެޓުގައި އެޓީމުން ވަނީ ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލޮއިސް އޮޕެންޑާއެވެ. އޭގެ ފަސް މިނެޓު ފަހުން އޮޕެންޑާ ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ލައިޕްޒިގްގެ ލީޑު ދެގޯލަށް ފުޅާކޮށްދީފައެވެ.
ލައިޕްޒިގްގެ ހަތަރުވަނަ ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ 70 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަމަޑޫ ހައިޑާރާއެވެ. ލައިޕްޒިގް އެޓީމުގެ ފަހު ގޯލު ޖަހާފައިވަނީ މެޗުގެ 80 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ބަދަލު ކުޅުންތެރިޔެއް ގޮތުގައި އެރި ޔޫސުފް ޕައުލްސެންއެވެ.
މިލިބުނު ބޮޑު މޮޅާއެކު ލައިޕްޒިގް ވަނީ ތާވަލުގެ ހަތަރުވަނައަށް ޖެހިލައިފައެވެ. އެޓީމު ހަތަރުވަނައިގައި އޮތީ ކުޅުނު 26 މެޗުން ލިބުނު 49 ޕޮއިންޓާއެކުގައެވެ. ފަސްވަނައިގައި އޮތް ޑޯޓްމަންޑަށް ލިބިފައިވަނީ 47 ޕޮއިންޓެވެ. ނަމަވެސް އެޓީމު ކުޅެފައިވަނީ ލައިޕްޒިގަށްވުރެ އެއް މެޗު މަދުން ކަމަށް ވާތީ, ލައިޕްޒިގް ފަހާލައި ހަތަރުވަނައަށް އެރުމުގެ ފުރުސަތު އެޓީމަށް އެބައޮތެވެ. މެޗުން ނާކާމިޔާބުވި ކޮލޯން އޮތީ, ކުޅުނު 26 މެޗުން ލިބުނި 18 ޕޮއިންޓާއެކު ތާވަލުގެ 16 ވަނައިގައެވެ.