މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް މާކަސް ރަޝްފޯޑު ވިއްކާލުމުގެ ވިސްނުމެއް ނެތް ކަމަށް އެކްލަބުގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ.

ޓެން ހާގް މިހެން ބުނެފައިވަނީ ޕީއެސްޖީއިން ރަޝްފޯޑާ މެދު ޝައުގުވެރިކަން އުފައްދާފައިވާ ދަނޑިވަޅެއްގައެވެ. ރަޝްފޯޑު ވިއްކާލައިގެން ޔުނައިޓެޑަށް ކުރިމަތި ވެފައިވާ މާލީ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމުގައިވިއަސް, އޭނާ ވިއްކާލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ޓެން ހާގު ވަނީ ބުނެފައެވެ.

"އަހަރެމެން މިދިޔަ ސީޒަނުގައި އޭނާގެ ކޮންޓްރެކްޓް އާކުރީ އޭނާ މިކްލަބުގައި ވީހާ ވެސް ގިނަ ދުވަހަކު ބަހައްޓަން. އޭނާއަކީ ޔުނައިޓެޑުގެ ކުރިމަގަށް ވަރަށް މުހިއްމު ކުޅުންތެރިޔެއް" ރަޝްފޯޑު ވިއްކާލަން ބޭނުންނުވާ ކަން ހާމަ ކުރަމުން ޓެން ހާގު ބުންޏެވެ.

މިސީޒަނުގައި ރަޝްފޯޑަށް ވަނީ އެންމެ އެދެވޭ ފަދަ ކުޅުމެއް ދެއްކޭ ގޮތް ނުވެފައެވެ. މިދިޔަ ސީޒަނުގައި އޭނާ ޔުނައިޓެޑަށް 30 ލަނޑު ކާމިޔާބު ކޮށްދީފައިވާއިރު, މިސީޒަނުގައި އޭނާއަށް ޖެހިފައިވަނީ އެންމެ 8 ލަނޑެވެ. ރަޝްފޯޑުގެ ފޯމު ރަނގަޅު ނޫންކަމުގައިވިއަސް ޓެން ހާގް އަންނަނީ ތަކުރާރުކޮށް ރަޝްފޯޑަކީ ޔުނައިޓެޑުގެ ޓީމަށް މުހިއްމު ކުޅުންތެރިޔެއް ކަމަށް ބުނަމުންނެވެ.