ދަރިމައިވުމަށްޓަކައި ހޯދާ "އައިވީއެފް" އަދި "އައިޔޫއައި" ގެ ފަރުވާތައް އަމިއްލައަށް ކުރުމަށް ދަތިވާ މީހުން ދައުލަތުގެ އެހީއަށް އެދި ހުށަހެޅުމަށް އިއްޔެ ހުޅުވާލައިފިއެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން މިކަމާ ގުޅޭ ގޮތުން ނެރެފައިވާ އިއުލާނުގައި ބުނީ އައިޔޫއައި އަދި އައިވީއެފްގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ދައުލަތުގެ އެހީއަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު އިއްޔެއިން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.
އެންސްޕާގެ އިއުލާނުގައި އިތުރަށް ބުނެފައި ވަނީ އައިވީއެފް އަދި އައިޔޫއައި ފަރުވާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިއަހަރު ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ އެންމެ މަތިން ޕޮއިންޓް ލިބޭ 100 ފަރާތައް ކަމަށެވެ.
އައިވީއެފް އަދި އައިޔޫއައި ފަރުވާ ފޯރުކޮށްދިނުމާ ގުޅޭ އުސޫލުތައް އެންސްޕާއިން ވަނީ އެއިދާރާގެ ވެބްސައިޓުގައި މިހާރު ޝާއިއުކޮށްފައެވެ.
https://www.nspa.gov.mv/dh/2024/03/15/ivf-and-iui-treatment/
އައިވީއެފް ފަރުވާ ދައުލަތް މެދުވެރިކޮށް ފޯރުކޮށްދިނުމަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުކެވެ. އެމަނިކާފު ގެންދަނީ ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ.