މިހާރު ކުރިއަށްދާ ރަމަޟާން ވެޓަރަންސް ލީގުގައި ރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ކާމިޔާބު ކުރެއްވި ލަނޑާއެކު 3-1 އިން ލެގޫންސް އަތުން އިއްޔެ ހަވީރު މުއިވެޔޮ ފްރެންޑްސް މޮޅުވެއްޖެއެވެ.

ކުރިން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ސީނިއަރ ނައިބް ރައީސްކަންވެސް ކުރެއްވި ސެމްބެ ލެގޫންސާ ދެކޮޅަށް ނިކުންނެވީ މުއިވެޔޮ ފްރެންޑްސްގެ ކެޕްޓަން ބޭންޑް އަޅުއްވައިގެންނެވެ. މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ލެގޫންސްއިންނެވެ. އެކަމަކު ގައުމީ ޓީމާއި ވިކްޓަރީގެ ކުރީގެ މަޝްހޫރު ބެކް އަހްމަދު ސައީދު (އައްމަޓީ) ގެ ދެލަނޑުން މުއިވެޔޮ ފްރެންޑްސްއިން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލިއެވެ. ނައިބު ރައީސް ސެމްބެ ލަނޑު ޖެއްސެވީ ލިބުނު ޕެނަލްޓީއަކުންނެވެ. ސެމްބެއަކީ ކުރިންވެސް ފުޓްބޯޅަ އަދި ފުޓްސަލްގެ އެކިިއެކި މުބާރާތްތަކުގައި ކޮންމެވެސް ވަރަކަށް ކުޅުއްވާ އުޅުއްވި ބޭފުޅެކެވެ.

މެޗު ފެށުުމުގެ ކުރިން ނައިބު ރައީސް (ވ-2) ފޮޓޯއަށް ހުއްޓިވަޑައިގެން. ފޮޓޯ: ރައީސް އޮފީސް

މިފަހަރުގެ ވެޓަރަންސް ކަޕް ކުރިއަށް ދަނީ ހެންވޭރު ދަނޑުގައެވެ. 10 ޓީމަކުން މުބާރާތުގައި ބައިވެރިވެފައިވާއިރު މުބާރާތް ކުރިއަށް ދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް "އޭ" ގައި ހިމެނެނީ ހުރާ، ޕޮލިސް، ސިފައިން، ހުޅުމާލޭ ވެޓެެރަންސް އަދި ވިލިމާލެ ޔުނައިޓެޑެވެ. ގްރޫޕް "ބީ" ގައި ހިމެނެނީ މުއިވެޔޮ ފްރެންޑްސް، ލެގޫންސް، ސްޓެލްކޯ އަދި އެމްއެސް މޭޓްސްއެވެ.

ވެޓެރަންސް ކަޕުގެ ތާރިހުގައި އެންމެ ކާމިޔާބު ޓީމަކީ ކްލަބް ވެލެންސިޔާއެވެ. އެކްލަބުން 4 ފަހަރު މުބާރާތް ކުރިއެވެ. ދެވަނައަށް އެންމެ ކާމިޔާބު ޓީމަކީ 3 ފަހަރު މުބާރާތް ކާމިޔާބު ކުރި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ.