ސްޕެނިޝް ލަލީގާގައި އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗު 4-2 އިން ކާމިޔާބު ކޮށް ރެއާލް މެޑްރިޑުން ލީގުގެ އެއްވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ނަގާފިއެވެ.

އޮސަސޫނާގެ ދަނޑު ކަމުގައިވާ އެލްސަޑަރް ސްޓޭޑިއަމްގައި ކުޅުނު މެޗު ދެޓީމުން ވެސް ފަށާފައިވަނީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން މެޗުގެ 4 ވަނަ މިނެޓުގައި ރެއާލުން ވަނީ ލަނޑު ޖަހައި މެޗުގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ވިނީޝިއަސް ޖޫނިއާއެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން އޮސަސޫނާގެ އަންޓޭ ބުޑިމިރް ކާމިޔާބުކުރި ލަނޑާއެކު މެޗުގެ ނަތީޖާ ވަނީ ހަމަހަމަ ވެފައެވެ.

ރެއާލުން ދެވަނަ ފަހަރަށް މެޗުގެ ލީޑު ނެގީ 18 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ތަޖުރިބާކާރު ޑިފެންޑަރު ޑެނީ ކަރަވަހާލެވެ. ކަރަވަހާލުގެ ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 އިން ރެއާލް ކުރީގައި އޮވެގެންނެވެ.

ރެއާލުން އެޓީމުގެ ލީޑު ދެގޯލަށް ފުޅާކުރީ މެޗުގެ 61 ވަނަ މިނެޓުގައި ބްރާހިމް ޑިއާޒް ކާމިޔާބު ކުރި ލަނޑުންނެވެ. އޭގެ ތިން މިނެޓު ފަހުން ވިނީޝިއަސް ޖޫނިއާ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ރެއާލުގެ ލީޑު ތިން ގޯލަށް އިތުރުކޮށްފައެވެ. އޮސަސޫނާގެ އިކޯ މުނޯޒް ވަނީ މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައި އެޓީމަށް ލަނޑެއް ޖަހައިދީފައެވެ. ނަމަވެސް ރެއާލުން ވަނީ ބައިކޮޅަށް އިތުރު ލަނޑެއް ވަނަނުދީ ފަސޭހަ ކަމާއެކު މެޗު ނިންމާލާފައެވެ.

މިލިބުނު މޮޅާއެކު ރެއާލަށް ވަނީ ލަލީގާގެ އެއްވަނައިގައި 10 ޕޮއިންޓުގެ ބޮޑު ލީޑެއް ނެގިފައެވެ. ރެއާލުން އެއްވަނައިގައި އޮތީ ކުޅުނު 29 މެޗުން ލިބުނު 72 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ޖިރޯނާއަށް ލިބިފައިވަނީ 62 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ބާސެލޯނާއަށް ލިބިފައިވަނީ 61 ޕޮއިންޓެވެ. ނަމަވެސް އެޓީމު ކުޅެފައިވަނީ ޖިރޯނާއަށްވުރެ އެއް މެޗު މަދުން ކަމަށްވާތީ, ޖިރޯނާ ފަހާލައި ދެވަނައަށް އެރުމުގެ ފުރުސަތު އެޓީމަށް އެބައޮތެވެ.