ޖަރުމަނުގެ ބުންޑަސްލީގާގައި ޑާމްސްޓަޓްއާ ދެކޮޅަށް ކުޅުނު މެޗު 5-2 އިން ފަސޭހަ ކަމާއެކު ބަޔާން މިއުނިކުން ކާމިޔާބު ކޮށްފިއެވެ.
ޑާމްސްޓަޓްގެ އަމިއްލަ ރަށުގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނަގާފައިވަނީ އެޓީމުންނެވެ. އެއީ މެޗުގެ 28 ވަނަ މިނެޓުގައި އެޓީމުގެ ސްޓްރައިކަރު ޓިމް ސްކާކް ކާމިޔާބު ކޮށްދިން ލަނޑެކެވެ. ޑާމްސްޓަޓްއަށް އެޓީމުގެ ލީޑު ހިފެހެއްޓުނީ އެންމެ އަށް މިނެޓަށެވެ. މެޗުގެ 36 ވަނަ މިނެޓުގައި ބަޔާނުގެ ޒުވާން ތަރި ޖަމާލް މުސިއާލާ ކާމިޔާބު ކުރި ލަނޑާއެކު މެޗުގެ ނަތީޖާ ވަނީ ހަމަހަމަ ވެފައެވެ.
ބަޔާނުން މެޗުގެ ނަތީޖާ އަނބުރާލީ ފުރަތަމަ ހާފުގެ ވަގުތު ހަމަވެ ކުޅުނު އިތުރު ވަގުތުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓީމުގެ ހުނަރުވެރި ސްޓްރައިކަރު ހެރީ ކޭނެވެ. ކޭންގެ ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ 2-1 އިން ބަޔާން ކުރީގައި އޮވެގެންނެވެ.
ބަޔާނުގެ ތިން ވަނަ ލަނޑު ފެނިގެންގޮސްފައިވަނީ ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަޔާނުގެ ފުރަތަމަ ލަނޑު ޖެހި މުސިއާލާއެވެ. އޭގެ ދިހަ މިނެޓު ފަހުން ސާޖް ގްނޭބްރީ ވަނީ ލަނޑު ޖަހައި ބަޔާނުގެ ލީޑު ތިން ގޯލަށް ފުޅާކޮށްދީފައެވެ.
ބަޔާނުގެ ފަސްވަނަ ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެތިސް ޓެލްއެވެ. އޭގެ ދެމިނެޓު ފަހުން ޑާމްސްޓަޓް ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހާ ބަޔާނުގެ ލީޑު ކުޑަކޮށްފައެވެ. ނަމަވެސް މެޗުގައި އިތުރު ވަގުތު ނެތުމާއެކު އެޓީމަށް ވަނީ ބަލި ގަބޫލު ކުރަން ޖެހިފައެވެ.
މިލިބުނު މޮޅާއެކު ބަޔާން އޮތީ ކުޅުނު 26 މެޗުން ލިބުނު 60 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތީ މިސީޒަނުގައި އަދި އެންމެ ފަހަރަކު ވެސް ބަލިވެފައިނުވާ ލެވަކޫސަންއެވެ. އެޓީމު އެއްވަނައިގައި އޮތީ ކުޅުނު 25 މެޗުން ލިބުނު 67 ޕޮއިންޓާއެކުގައެވެ. މެޗުން ބަލިވި ޑާމްސްޓަޓް އޮތީ, ކުޅުނު 26 މެޗުން ލިބުނު 13 ޕޮއިންޓާއެކު ތާވަލުގެ ފުލުގައެވެ.