އިނގިރޭސި ޕްރިމިއާ ލީގުގައި ވަރުގަދަ ޓޮޓެންހަމް އަތުން 3-0 އިން ފުލަމް މޮޅުވެއްޖެއެވެ.
ފުލަމްގެ ދަނޑު ކަމުގައިވާ ކްރޭވެން ކޮޓޭޖްގައި ކުޅުނު މެޗުގައި ދެޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައެވެ. ފުލަމްއިން އެޓީމުގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރޮޑްރީގޯ މުނީޒެވެ. މުނީޒްގެ ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ 1-0 އިން ފުލަމް ކުރީގައި އޮވެގެންނެވެ.
ފުލަމްއިން ދެވަނަ ހާފު ފަށާފައިވަނީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން ދެވަނަ ހާފު ފެށިގެން 49 ވަނަ މިނެޓުގައި ފުލަމްގެ ސާޝާ ލުކިޗް ވަނީ ލަނޑު ޖަހައި ފުލަމްގެ ލީޑު ދެގޯލަށް އިތުރުކޮށްފައެވެ. މެޗުގައި ފުލަމްގެ ފަހު ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ 61 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑު ޖަހައިދިން މުނީޒްއެވެ.
މެޗުން ބަލިވުމާއެކު ޓޮޓެންހަމަށް ވަނީ ތާވަކުގެ ހަތަރުވަނައަށް ޖެހިލުމުގެ ފުރުސަތު ގެއްލިފައެވެ. އެޓީމުން މިވަގުތު އޮތީ, ކުޅުނު 28 މެޗުން ލިބުނު 53 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ. ހަތަރުވަނައިގައި އޮތީ 55 ޕޮއިންޓާއެކު އެސްޓަން ވިލާއެވެ. ޓޮޓެންހަމް ބަލިކޮށްލި ފުލަމް އޮތީ, ކުޅުނު 29 މެޗުން ލިބުނު 38 ޕޮއިންޓާއެކު ތާވަލުގެ ބާރަވަނައިގައެވެ.