އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުގައި ނިއުކާސަލް އަތުން 2-0 އިން މޮޅުވެ މެންޗެސްޓާ ސިޓީ މުބާރާތުގެ ސެމީއަށް ދަތުރުކޮށްފިއެވެ.

ސިޓީގެ ދަނޑު ކަމުގައިވާ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗަށް ނިއުކާސަލް ނިކުތް އިރު އެޓީމު ވަނީ, އަމިއްލަ ރަށުން ބޭރުގައި ސިޓީއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ނުވަ މެޗުން ވެސް ބަލިވެފައެވެ. ނިއުކާސަލް އެންމެ ފަހުން އަމިއްލަ ރަށުން ބޭރުގައި ސިޓީ އަތުން މޮޅުވީ 2014 ވަނަ އަހަރުގައެވެ.

ރޭގެ މެޗުގައި ބޯޅަ ހިފަހައްޓައިގެން މުޅި މެޗު ކޮންޓްރޯލު ކޮށްގެން ކުޅުނީ ސިޓީއެވެ. އެގޮތުން އެޓީމު ވަނީ މެޗުގެ 13 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބާނާޑޯ ސިލްވާއެވެ. މެޗުގެ 31 ވަނަ މިނެޓުގައި ސިލްވާ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ސިޓީގެ ލީޑު ދެގޯލަށް އިތުރުކޮށްދީފައެވެ.

މެޗުގައި އެންމެ އެދެވޭ ފަދަ ކުޅުމެއް ނުދެއްކުނު ނިއުކާސަލްއަށް ސުން ކަނޑާނުލެވުނު އިރު, މެޗު ނިމިގެންދިޔައިރު ވެސް ސިޓީގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ ވެސް އެންމެ ހަމަލާއެކެވެ.