އެމްއެލްއެސްގައި ޑީސީ ޔުނައިޓެޑު އަތުން 3-1 އިން މޮޅުވެ އިންޓާ މިއާމީ ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ޑީސީ ޔުނައިޓެޑުގެ ދަނޑު ކަމުގައިވާ އައުޑީ ފީލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ ޑީސީ ޔުނައިޓެޑުންނެވެ. މިލަނޑު މެޗުގެ 14 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޖަރެޑް ސްޓްރައުޑެވެ. މެޗުގެ 24 ވަނަ މިނެޓުގައި އިންޓާ މިއާމީގެ ލިއަނާޑޯ ކަމްޕާނާ ކާމިޔާބު ކުރި ލަނޑާއެކު މެޗުގެ ނަތީޖާ ވަނީ ހަމަހަމަ ވެފައެވެ. ކަމްޕާނާގެ ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގައި އިންޓާ މިއާމީ ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް މެޗުގެ 72 ވަނަ މިނެޓުގައި ލަނޑު ޖަހާ, މެޗުގެ ނަތީޖާ އަނބުރާލާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔެއް ގޮތުގައި އެރި ލުއިސް ސުއަރޭޒެވެ. ސުއަރޭޒް ވަނީ މެޗުގެ 85 ވަނަ މިނެޓުގައި އޭނާގެ ދެވަނަ ލަނޑު ޖަހާ އިންޓާ މިއާމީގެ ލީޑު ދެގޯލަށް އިތުރުކޮށްފައެވެ.
މެޗުގެ ނުވަދިހަ މިނެޓުގައި ޑީސީ ޔުނައިޓެޑުގެ ޕެޑްރޯ ސަންތޯސްއަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އެއާއެކު ޑީސީ ޔުނައިޓެޑަށް މެޗު ނިންމާލަން ޖެހުނީ އެންމެ 10 ކުޅުންތެރިންނާއެކުގައެވެ.
މިމެޗުން މޮޅުވުމާއެކު އިންޓާ މިއާމީ ވަނީ އެމްއެލްއެސް ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. އެޓީމުން އެއްވަނައިގައި އޮތީ ކުޅުނު 5 މެޗުން ލިބުނު 10 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ކޮލަމްބަސްއަށް ވެސް ލިބިފައިވަނީ 10 ޕޮއިންޓެވެ. ނަމަވެސް ގޯލުގެ ތަފާތުން އަދި ކުރީގައި އޮތީ އިންޓާ މިއާމީއެވެ. ނަމަވެސް ކޮލަމްބަސް ކުޅެފައިވަނީ އިންޓާ މިއާމީއަށްވުރެ އެއް މެޗު މަދުން ކަމަށްވާތީ އިންޓާ މިއާމީ ފަހާލައި އެއްވަނައަށް އެރުމުގެ ފުރުސަތު އެޓީމަށް އެބައޮތެވެ.