އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ކޮވިޑް ވެކްސިނަކީ އިތުބާރު ހިފޭ ރަނގަޅު ވެކްސިނެއް ކަމަށާއި ވެކްސިން ޖަހަން ސަރުކާރުން މަޖުބޫރު ނުކުރެއްވިޔަސް އެ ޖަހަން ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު އިލްތިމާސް ކުރައްވައިފިއެވެ.

ޢުމަރު ވިދާޅުވީ ހަގީގަތް އޮޅޭނޭ ފަދަ ގޮތަކަށް އެއްވެސް ބަޔަކު ވާހަކަ ދައްކައިގެން ނުވާނެ ކަމަށެވެ. އެހެން ކަމުން އިންޑިއާއިން ދީފައިވާ ވެކްސިން ގަވާއިދާ އެއްގޮތަށް ޖަހައި ސަލާމަތްތެރިކަން ހޯދުމަށް އެންމެން އަވަސްވެގަތުމަށް އެދިވަޑައިގެންނެވެ. "އިންޑިއާގައި އެ ވެކްސިން ތައްޔާރު ކުރިޔަސް އެއީ އިނގިރޭސިވިލާތުގެ އުފެއްދުމެއް. އެހެން ނޫންނަސް އިންޑިއާ އަކީ މިފަދަ ވެކްސިން އުފެއްދުމުގައި އިތުބާރު ހިފޭ ބަރޯސާ ކުރަންޖެހޭ ގައުމެއް. އެހެންވީމާ އެގައުމަށް އިހާނެތި ބަސްތައް ނުބުނެ ވެކްސިން ޖަހަން އަވަސްވުމަށް އެދެން،" ޢުމަރު ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ ޗައިނާގެ ވެކްސިނާއި ރަޝިޔާގެ ވެކްސިނަކީ ވެސް ރަނގަޅު އެއްޗެއް ކަމަށެވެ. އެހެން ކަމުން ޝައްކު އުފެދޭ ވާހަކަތައް ހުއްޓާލައި އެންމެވެސް ވެކްސިން ޖެހުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވައިފައެވެ.

އިންޑިއާ ފަދައިން ޗައިނާ އިން ވެސް ވަނީ ރާއްޖެއަށް އެއްލައްކަ ޑޯޒް ވެކްސިން ދިނުމަށް ނިންމައިފައެވެ. ޗައިނާގެ ވެކްސިން އަދި ރާއްޖެއަށް ގެނެސްފައެއް ނުވެއެވެ.

ޢުމަރު ވިދާޅުވީ ރާއްޖެއަށް މިހާރު ލިބިފައިވާ ވެކްސިން ޖަހަން މަޖުބޫރު ނުކުރުމަކީ ސަރުކާރުން ކުރެއްވި ވަރަށް ރަނގަޅު ކަމެއް ކަމަށެވެ. "ވެކްސިން ޖަހަން ސަރުކާރުން މަޖުބޫރެއް ނުކުރޭ. އެއީ ވަރަށް ރަނގަޅު ނިންމުމެއް. އެހެންނަމަވެސް އެންމެވެސް ވެކްސިން ޖެހުމަށް އަޅުގަނޑު ބާރު އަޅަން،" ޢުމަރު ވިދާޅުވިއެވެ.