އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުގައި ލިވަޕޫލު އަތުން 4-3 އިން މޮޅުވެ މެންޗެސްޓާ ޔުނައިޓެޑު މުބާރާތުގެ ސެމީ ފައިނަލަށް ރޭ ދަތުރުކޮށްފިއެވެ.
ޔުނައިޓެޑު އޯލްޑް ޓްރެފޯޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ އެޓީމުންނެވެ. މިލަނޑު މެޗުގެ 10 ވަނަ މިނެޓުގައި ޖަހައިދިނީ ސްކޮޓް މެކްޓޮމިނޭއެވެ. ލިވަޕޫލުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 44 ވަނަ މިނެޓުގައި އެލެކްސިސް މެކް އެލިސްޓާ ކާމިޔާބު ކޮށްދިން ލަނޑަކުންނެވެ. ލިވަޕޫލުން މެޗުގެ ނަތީޖާ އަނބުރާލީ ފުރަތަމަ ހާފުގެ ވަގުތު ހަމަވެ ކުޅުނު އިތުރު ވަގުތުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ސަލާހެވެ. ސަލާހުގެ ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ 2-1 އިން ލިވަޕޫލު ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ 87 ވަނަ މިނެޓުގައި ޔުނައިޓެޑު ވަނީ ލަނޑު ޖަހާ, މެޗު އިތުރު ވަގުތަށް ފޮނުވާލާފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ އެންޓޮނީއެވެ.
އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ވަނީ ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހާވީ އެލިއޮޓްއެވެ. ނަމަވެސް އިތުރު ވަގުތުގެ ދެވަނަ ހާފުގައި މާކަސް ރަޝްފޯޑު ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ އަނެއްކާ ވެސް ހަމަހަމަ ކޮށްފައެވެ.
ޔުނައިޓެޑުން މެޗު ކާމިޔާބު ކުރި ލަނޑު ޖެހީ އިތުރު ވަގުތުގެ ކުޅުން ހަމަވެފައި އޮއްވައެވެ. މެޗުގެ 121 ވަނަ މިނެޓުގައި ޖެހި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔެއް ގޮތުގައި އެރި އަމަޑް ޑިއަލޯއެވެ. ލަނޑު ޖެހުމަށްފަހު ޑިއަލޯ ޓީޝާޓު ބޭލުމުން ރެފްރީ ވަނީ އޭނާއަށް މެޗުގެ ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ. ޑިއަލޯގެ ގޯލާއެކު ޔުނައިޓެޑު ވަނީ ވަރުގަދަ ލިވަޕޫލު ބަލިކޮށް, މުބާރާތުގެ ސެމީގެ ޖާގަ ކަށަވަރުކޮށްފައެވެ.
މުބާރާތުގެ ސެމީގައި ޔުނައިޓެޑު ނިކުންނާނީ އިނގިރޭސި ޕްރިމިއާ ލީގުގެ ދެވަނަ ޑިވިޝަނުގައި ކުޅެމުން އަންނަ ކޮވެންޓްރީ ސިޓީއާ ދެކޮޅަށެވެ.