އިޓާލިއަން ސެރިއާގައި ރޭގައި ކުޅުނު މެޗު 1-1 އިން އެއްވަރުކޮށް ނަޕޯލީއިން ވަރުގަދަ އިންޓާ މިލާނު ހިފަހައްޓާފިއެވެ.
އިންޓާ މިލާނުގެ ދަނޑު ކަމުގައިވާ ސޭން ސީރޯއަށް އިންޓާ މިލާނުން ނިކުތްއިރު އެޓީމު ވަނީ އެންމެ ފަހުން ނަޕޯލީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު ފަސް މެޗު ވެސް ކާމިޔާބު ކޮށްފައެވެ. އަދި އިންޓާ މިލާނު ވަނީ ސެރިއާގައި ނަޕޯލީއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު 11 މެޗު ތެރެއިން 7 މެޗު ކާމިޔާބު ކޮށްފައެވެ.
ރޭގެ މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ އިންޓާއިންނެވެ. މިލަނޑު މެޗުގެ 43 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މަޓޭއޯ ޑާމިއަންއެވެ.
އިންޓާގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލައި ނަޕޯލީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ ދެވަނަ ހާފުގެ 81 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރު ހުއަން ޖެސުސްއެވެ. އެއާއެކު ނަޕޯލީއިން ވަނީ ވަރުގަދަ އިންޓާ އަތުން އެއްވަރުކޮށް މެޗު ނިންމާލާފައެވެ.
މެޗުން އެއްވަރުވި ކަމުގައިވިއަސް އިންޓާ އޮތީ ބޮޑު ފަރަގަކާއެކު ތާވަލުގެ އެއްވަނައިގައެވެ. އެޓީމު ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 29 މެޗުން ލިބުނު 76 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް އޭސީ މިލާނަށް ލިބިފައިވަނީ 62 ޕޮއިންޓެވެ. އިންޓާ ހިފަހައްޓާލި ނަޕޯލީ އޮތީ, ކުޅުނު 29 މެޗުން ލިބުނު 45 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައެވެ.