ފްރެންޗް ލީގުގައި މޮންޕެލިއޭއާ ދެކޮޅަށް ކުޅުނު މެޗު 6-2 އިން ތަފާތު ބޮޑުކޮށް ޕީއެސްޖީއިން ކާމިޔާބު ކޮށްފިއެވެ.
މޮންޕެލިއޭގެ ދަނޑު ކަމުގައިވާ ސްޓޭޑް ޑެލެ މަސޮންގައި ކުޅުނު މެޗު ޕީއެސްޖީއިން ފަށާފައިވަނީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން މެޗުގެ 14 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މިޑްފީލްޑަރު ވިޓީނިއާއެވެ. މެޗުގެ 22 ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭ ވަނީ ލަނޑު ޖަހާ ޕީއެސްޖީގެ ލީޑު ދެގޯލަށް ފުޅާކޮށްދީފައެވެ.
އެމްބާޕޭގެ ގޯލާއެކު މޮންޕެލިއޭ ވަނީ ޓީމުގެ ކުޅުން ރަނގަޅުކޮށް, މެޗުގެ 30 ވަނަ މިނެޓުގައި ލަނޑު ޖަހާ ދެޓީމުގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އާނައުޑް ނޯޑިންއެވެ. ފުރަތަމަ ހާފުގެ ވަގުތު ހަމަވެ ކުޅުނު އިތުރު ވަގުތުގައި މޮންޕެލިއޭގެ ޓެޖީ ސެވެނިއާ ކާމިޔާބު ކޮށްދިން ލަނޑާއެކު މޮންޕެލިއޭ ފުރަތަމަ ހާފު ނިންމާލީ ނަތީޖާ 2-2 އިން އެއްވަރުކޮށްގެންނެވެ.
ދެވަނަ ހާފުގައި ޕީއެސްޖީގެ ފަރާތުން ފެނިގެންދިޔައީ ތަފާތު މޮޅު ކުޅުމެކެވެ. އެގޮތުން ދެވަނަ ހާފުގެ 50 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާ, ޕީއެސްޖީއަށް ލީޑު ނަގާދީފައެވެ. އޭގެ ތިން މިނެޓު ފަހުން ލީ ކޭންގް ކާމިޔާބު ކުރި ލަނޑާއެކު ޕީއެސްޖީ ވަނީ އެޓީމުގެ ލީޑު ދެގޯލަށް ފުޅާކޮށްފައެވެ.
މެޗުގެ 63 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށް, ޕީއެސްޖީގެ ފަސްވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. ޕީއެސްޖީގެ ފަހު ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ 89 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔެއް ގޮތުގައި އެރި ނޫނޯ މެންޑޭސްއެވެ.
މިލިބުނު ބޮޑު މޮޅާއެކު ޕީއެސްޖީ ވަނީ ތާވަލުގެ އެއްވަނައިގައި 12 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެޓީމު އެއްވަނައިގައި އޮތީ ކުޅުނު 26 މެޗުން ލިބުނު 59 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ބްރެސްޓަށް ލިބިފައިވަނީ 47 ޕޮއިންޓެވެ. މެޗުން ނާކާމިޔާބުވި މޮންޕެލިއޭ އޮތީ, ކުޅުނު 26 މެޗުން ލިބުނު 26 ޕޮއިންޓާއެކު ތާވަލުގެ 14 ވަނައިގައެވެ.