މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތިންރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައިހަތަރު މީހުން ހައްޔަރުކޮށްފިއެވެ.
ދ. ރިނބިދޫ އާއި ލ. މާވަށް އަދި ގއ. ވިލިނގިލީގައި ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ 48 އަހަރުގެ ދިވެހި ފިރިހެނަކާއި 28 އަހަރުގެ ދިވެހި ފިރިހެނަކާއި 26 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނި ގޮތުގައި މިމީހުންގެ ތެރެއިން 48 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މި ހިނގާ މާރިޗް 17 ވަނަ ދުވަހު ގއ. ވިލިގިނލިން ކަމަށާއި އެރަށު ޕޮލިސް ސްޓޭޝަނުގެ ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު އެރަށު މަގުމަތިން ފެނުނު މީހެއްގެ އަމަލުތައް ހުރިގޮތުން މަސްތުވާތަކެތި ގެންގުޅޭކަމަށް ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 27 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.
އަދި މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ބުންޏެވެ.
މީގެއިތުރުން ފުލުހުން ބުނީ 28 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ލ. މާވަށުން ކަމަށާއި އެމީހާ ހައްޔަރުކޮށްފައިވަނީ މި ހިނގާ މާރިޗް 17 ވަނަ ދުވަހު ރަށުތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު އެރަށު މަގުމަތިން ފެނުނު މީހެއްގެ އަމަލުތައް ހުރިގޮތުން މަސްތުވާތަކެތި ގެންގުޅޭކަމަށް ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި 11 ރަބަރު ޕެކެޓް ފެނުމާ ގުޅިގެން ކަމަށެވެ.
އެގޮތުން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 26 އަހަރުގެ މީހާއާއި 30 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހު ދ. ރިނބިދޫގައި ހިންގި ދެ އޮޕަރޭޝަނެއްގައެވެ. އެގޮތުން 26 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ރިނބިދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅަކާއި ބިޔަރު ދަޅުތަކަކާއި ބިޔަރު ހުސްކޮށްފައިވާ ދަޅުތަކަކާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ބައެއް އާލާތްތައް ފެނުމާ ގުޅިގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެއިތުރުން 30 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ރިނބިދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމަށް އިންޓެލިޖެންސައް ލިބުނު މައުލޫމާތަކާއި ގުޅިގެން ހަމަ އެދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަނުގައި ކޯޓުއަމެރެއްގެ އޭނާ ދިރިއުޅޭގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ. އަދި އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ރިނބިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ދެމީހުންނަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައިވެއެވެ.
މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.