ލިޔުނީ: އަޒްހީން

އެސްޓޯއޯއިން މިއަދު ނެރުން އިއުލާނެއްގައި އެކުންފުނީގެ ޑިރެކްޓަރުންގެެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއިއުލާނުގައި ބުނެފައިވަނީ އެސްޓީއޯ ހިންގާ ގަވައިދުގައިވާ ގޮތުގެ މަތިން އެކުންފުނީގެ ހިއްސާ ބެހިފައިވާ ނިސްބަތަށް ބަލާއިރު، ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އެއް ޑިރެކްޓަރު އަދި ސަރުކާރު ނުވަތަ މައި ހިއްސާ ދާރުގެ ފަރާތުން ހަ ޑިރެކްޓަރުން އިންތިހާބު ކުރެވޭނެކަމަށެވެ.

އިންތިހާބުކުރާ ޑިރެކްޓަރުންނަކީ ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަކަށް ވުމަށް ކުނުފުނިން ބާރުއަޅާކަމަށާއި އަދި ވިހާވެސް ގިނަ އަންހެން ބޭފުޅުން ވާދަކުރުމަށްވެސް މިއިއުލާނުގައި ބުނެފައިވެއެވެ.

މަގާމަށް ޝަރުތު ހަމަވާ ފަރާތްތަކުން އެސްޓީއޯ ވެބްސައިޓުން "ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް" އަދި އެ ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތަކެއް ހަމަ ކުރުމަށްފަހު، 8 އޭޕްރީލް 2024 ވާ ހޯ މަ ދުވަހުގެ 14:00 ކުރިން އެ ކުންފުނީގެ ސެކްރެޓޭރިއަޓަށް އެޑްރެސްކުރުމަށްފަހު މެއިލްކުރުމަށް އެސްޓީއޯއިން އެދިލައްވައެވެ.

ޝަރުތުހަމަވާ ފަރާތްތައް އިވެލުއޭޓުކޮށް، އެ ފަރާތްތައް އިންޓަވިއުކުރުމަށްފަހު ކޮމިޓީން ތައްޔާރުކުރާ ރިޕޯޓް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައި އަދި ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅާ ގޮތެއްގެމަތީން މަގާމަށް ކުރިމަތިލާފައިވާ ފަރާތްތަކާބެހޭ މަޢުލޫމާތު ހިއްސާދާރުންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައިއެވެ. މައައްފަހު އެސްޓީއޯގެ އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރު، ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުން ހަމަޖައްސަވާނެކަމަށް އިއުލާނުގައިވެއެވެ.