އަންނަ އޭޕްރީލް މަހުގައި ހިޔާ ފްލެޓުތަކުގައި ލިފްޓު އިތުރު ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅޫވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކޮށް ނިމޭނެ ތާރީޚަކާމެދު އާންމު ރައްޔިތަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މި ސުވާލުގެ ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ މިހާރު ލިފްޓުހެދުމައްޓަކައި ބަޔަކާއި އެގްރިމެންޓް ހެދިފައި ވާ ކަމަށެވެ. މިގޮތުން ކޮންމެ ޓަވަރެއްގައި އިތުރަށް ދެ ލިފްޓް ހަރުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ތެރެއިން އެއް ލިފްޓް ވެގެން ދާނީ ސްޓްރެޗާ އެރުވޭނެ ވަރުގެ ބޮޑު ލިފްޓަކަށެވެ.
މީގެއިތުރުން އެމަނިކުފާނު ވިދާޅުވެފައިވަނީ މިހާރު ޑީޓެއިލް ޑިޒައިނިންގް މަސައްކަތް ކުރެވެމުން ދާ ކަމަށެވެ. އަދި ކުރިއަށް އޮތް މަސް ތެރޭގައި އަމަލީ މަސައްކަތަށް އެފަރާތުން ހިޔާ ފްލެޓު ސަރަހައްދަށް މޯބިލައިޒް ކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ވަރަށް އަވަހަށް ސަރުކާރުން ލިފްޓު ހަރުކޮށްދޭ ފަރާތަށް އެޑްވާންސް ޕޭމެންޓް ދޭޏެ ކަމަށެވެ. އަދި އެޑްވާންސް ޕޭމެންޓް ދޭތާ އެއް އަހަރު ތެރޭގައި ލިފްޓު ހަރުކޮށް ނިމޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއް އަހަރަށް ވުރެވެސް ކުރު މުއްދަތެއްގަައި މި މަސައްކަތް ކޮށް ނިންމުމަށް އެމަނިކުފާނު ވަރަށް ބޮޑަށް ބާރު އަޅުއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ހިޔާފްލެޓުގެ ކޮންމެ ޓަވަރެއްގައި ލިފްޓު އިތުރު ކޮށްދެއް ވުމަކީ ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.