ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން، "ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ" ގެ ނަމުގައި އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު މިއަދު އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފިއެވެ.

މިކަން އިއުލާނުކުރެއްވީ މިއަދު ރައީސް އޮފީހުން ނެރުއްވި 07/2024 ނަންބަރު ދެންނެވުމުގައެވެ.

"ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ" ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވި ބޭނުންތަކުގެ ތެރޭގައި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި އެންމެހައި ކަންތައްތަކުގައި ފާރަވެރިވެ، ގައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރުން ހިމެނެއެވެ.

އަދި ސައިބަރ ސެކިއުރިޓީގެ ދާއިރާގައި ރާއްޖޭގައި ޢަމަލުކުރާނެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށާއި، ދައުލަތުގެ މުއައްސަސާތަކުގެ ސައިބަރ ދިފާއީ ގާބިލުކަން އިތުރުކުރުމަށް އެހީތެރިވުމަށާއި، ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ރާއްޖޭގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ހޯދުމަށް ގައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްކުރުން މި އިދާރާ އުފެއްދުމުގެ ބޭނުންތަކުގެ ތެރޭގައި ހިމެނެއެވެ.

"ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ"އަށް ދިވެހި ބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަމަކީ "ސައިބަރ ސެކިއުރިޓީއާ ބެހޭ ގައުމީ އިދާރާ" އެވެ. ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީއަށް ލިޔާ ސިޓީގައި ޖެއްސެވުމަށް ހަމަޖެހިފައިވާ ނަންބަރަކީ 500އެވެ.