މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަމާހު ރަޝީދާ ގުޅޭ މައްސަލައެއް ބަލާތީ އެ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައިވާ ކަމަށް ޕްރަިވަޓައިޒެޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނެފިއެވެ.

ޕީސީބީން ނެރުނު ކުރު ބަޔާނެއްގައި ބުނީ، ޝަމާހު އާ ގުޅޭ ކޯޕަރެޓް ގަވަނަންސް އާ ގުޅޭ މައްސަލަަކެއް ޕީސީބީއަށް ހުށަހަޅާފައި ވުމުން ބަލަމުން ދާ ކަމަށެވެ.

މީގެއިތުރުން އެ ބަޔާނުގައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ސުލޫކީ މިންގަނޑާއި ޝަކުވާ ހުށަހެޅުމާއި އަދި ފިޔަވަޅު އެޅުމާ ބެހޭ އުސޫލަށާއި އަދި ރިޔާއަތް ކުރަނީ އެ އުސޫލުގެ 25 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންމަރުގައި ވާ ހާލަތަށް ކަމަށް ވެސް ބުނެފައި ވެއެވެ.

އެގޮތުން މިއަދުން ފެށިގެން 14 ދުވަހަށް ޝަމާހު މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފައިވާ ކަމަށް ޕީސީބީއިން ވަނީ ބުނެފައެވެ