ކްލަބުތަކަށް ރުފިޔާ ހޭދަ ކުރެވޭ ގޮތާމެދު އިނގިރޭސި ޕްރިމިއާ ލީގުން ކަނޑައަޅާފައިވާ ގަވާއިދުތަކާއި ހިލާފުވުމާއެކު ނޮޓިންހަމް ފޮރެސްޓު އަތުން 4 ޕޮއިންޓު އުނިކޮށްފިއެވެ.

ޕްރިމިއާ ލީގުން ނޮޓިންހަމް ފޮރެސްޓްގެ 4 ޕޮއިންޓު އުނި ކުރީ, އެކްލަބަށް ހޭދަކުރަން ކަނޑައަޅާފައިވާ އަދަދަށްވުރެ 34.5 މިލިއަން އިތުރަށް އެކްލަބުން ހޭދަކޮށްފައިވާތީއެވެ. ލިބުނު އަދަބާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް, ނޮޓިންހަމް ފޮރެސްޓް ވަނީ ބަޔާނެއް ނެރެފައެވެ.

"އަހަރެމެން ވަރަށް ހައިރާންވި އަހަރެމެންނާ މެދު ޕްރިމިއާ ލީގުން ކަންކަން ކުރި އިހާނެތި ގޮތާމެދު. އެންމެ ކުރިން ފަށައިގެން މިތަހުގީގަށް އަހަރެމެން ފުރިހަމައަށް އިތުބާރުދިނިން. އެކަމަކު އަދަބު ދިން އިރު ލީގުން އެކަމަށް ބަލައި ވެސް ނުލައި" ލިބުނު އަދަބާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުން އެބަޔާނުގައި އެކްލަބުން ބުންޏެވެ.

ނޮޓެންހަމް ފޮރެސްޓަކީ ގަވާއިދުތަކާ ހިލާފުވުމުން ޕްރިމިއާ ލީގުން މިސީޒަނުގައި ޕޮއިންޓު އުނި ކުރި ދެވަނަ ކްލަބެވެ. މީގެ ކުރިން އެލީގުން ވަނީ, ކްލަބުގެ މާލީ ބަޔާނުގައި ސައްހަ ނޫން މައުލޫމާތު ހިމެނިކަމުގެ ތުހުމަތުގައި އެވަޓަން އަތުން 10 ޕޮއިންޓު އުނިކޮށްފައެވެ. ނަމަވެސް އެވަޓަންއިން އެމައްސަލަ އިސްތިއުނާފަށް ހުށައަޅައިގެން ވަނީ އަދަބު 6 ޕޮއިންޓަށް ލުއިކޮށްފައެވެ.

ނޮޓިންހަމް ފޮރެސްޓެ އަތުން 4 ޕޮއިންޓު އުނި ކުރުމާއެކު އެޓީމު ވަނީ ރެލިގޭޝަން ޒޯނަށް ވެއްޓިފައެވެ. އެޓީމު އޮތީ 21 ޕޮއިންޓާއެކު 18 ވަނައިގައެވެ. ނޮޓިންހަމް ފޮރެސްޓް އަތުން ޕޮއިންޓު އުނިކުރުމާކު ލޫޓޮން ޓައުން ވަނީ ރެލިގޭޝަން ޒޯނުން ނިކުމެ, 17 ވަނައަށް ޖެހިލައިފައެވެ.