އެލްސަޑާ ސްޓޭޑިއަމްގައި އޮސަސޫނާ އަތުން 4-2 އިން ރެއާލް މެޑްރިޑް މޮޅުވި މެޗުގައި, އެޓީމުގެ ވިނީޝިއަސް ޖޫނިއާއަށް ކުރިމަތިވި ނަސްލީ މަލާމާތުގެ މައްސަލައިގެ ޝަކުވާއެއް އެކްލަބުން ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަން (އާރްއެފްއީއެފް) އަށް ހުށައަޅައިފިއެވެ.

ރެއާލުން ހުށަހެޅި މައްސަލައަކީ އެމެޗުގައި ރެފްރީއަކަށް ހުރި މާޓިނޭޒް މުނުއޭރާ, ދަނޑުގައި ތިބި ސަޕޯޓަރުންގެ ފަރާތުން ވިނީޝިއަސްއަށް ރައްދުވި ނަސްލީ މަލާމާތުގެ މައްސަލަ އޭނާގެ އޮފިޝަލް މެޗު ރިޕޯޓުގައި ނުހިމެނި މައްސަލައެވެ.

އެމެޗުގައި ރެފްރީއަކަށް ހުރި މާޓިނޭޒްއާ ދެކޮޅަށް އެމައްސަލަ ހުށަހެޅިކަން ޔަގީންކޮށްދީ ރެއާލުން ވަނީ ބަޔާނެއް ނެރިފައެވެ.

"ރެއާލުގެ ކުޅުންތެރިޔެއް ކަމަށްވާ ވިނީޝިއަސް ޖޫނިއާއަށް އެލްސަޑާ ދަނޑުގައި ތިބި ސްޕޯޓަރުންގެ ފަރާތުން ރައްދުވި ނަސްލީ މަލާމާތުގެ ވާހަކަ, މެޗުގެ ރެފްރީއަކަށް ހުރި ހުއާން މާޓިނޭޒް މުނުއޭރާ އޭނާގެ މެޗު ރިޕޯޓުގައި ނުހިމެނި މައްސަލަ ވާނީ ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަނަށް ހުށަހަޅާފަ. ތަކުރާރުކޮށް ދަނޑުމަތީގައި ތިބި ކުޅުންތެރިން އެމައްސަލަ ރެފްރީގެ ސަމާލުކަމަށް ގެނައިކަމުގައިވިއަސް އޭނާ ވަނީ އެމައްސަލައަށް އެއްވެސް އަހައްމިއްޔަތު ކަމެއް ނުދީފަ" ރެފްރީގެ ފަރުވާކުޑަ ކަމާމެދު ނުރުހުން ފާޅު ކުރަމުން އެކްލަބުން ބުންޏެވެ.

ރެއާލަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ވިނީޝިއަސްއަކީ ތަކުރާރުކޮށް ނަސްލީ މަލާމާތުގެ ޝިކާރައަކަށް ވަމުން އަންނަ ކުޅުންތެރިޔެކެވެ. އެގޮތުން މިދިޔަ އަހަރުގެ މޭމަހުގައި ވެލެންސިއާގެ މަސްޓެއްލާ ސްޓޭޑިއަމްގައި ތިބި ސަޕޯޓަރުންގެ ފަރާތުން ވެސް ވިނީޝިއަސްއަށް ވަނީ ނަސްލީ މަލާމާތުގެ ބަސްތަކާއި ކުރިމަތި ލާން ޖެހިފައެވެ.

ތަކުރާރުވަމުން އަންނަ މައްސަލައެއް ކަމުގައިވި ނަމަވެސް ކަމާ ބެހޭ ފަރާތްތަކަށް މިކަމާ ގުޅިގެން ބިނާކުރަނިވި ފިޔަވަޅުތަކެއް އެޅިފައެއް ނުވެއެވެ.