ސީޒަނުގެ ކުރީކޮޅުގައި ވާތު ފައިގެ ކަކުލަށް ކުރިމަތިވި އިންޖަރީއަކުން ރަނގަޅުވަމުން އައި, ރެއާލް މެޑްރިޑުގެ ހުނަރުވެރި ގޯލްކީޕަރު ތީބާއު ކޯޓުއާއަށް އިތުރު އިންޖަރީއަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ވާތު ފައިގެ ކަކުލަށް ދިމާވި އިންޖަރީގެ ސަބަބުން 7 މަސް ވަންދެން ކުޅުމާ ދުރުގައި ހުރި ކޯޓުއާ މިފަހަރު އިންޖަރީވެފައިވަނީ އޭނާ ކަނާތު ފައިގެ ކަކުލެވެ. އޭނާ އިންޖަރީވެފައިވަނީ ރެއާލުގެ ކުޅުންތެރިންނާއެކު ބޭއްވި ފަރިތަކުރުމެއްގައެވެ.

ކޯޓުއާ އިންޖަރީވިކަން ޔަގީންކޮށްދީ ރެއާލުން ވަނީ ބަޔާނެއް ނެރިފައެވެ. އެބަޔާނުގައި އެޓީމުން ހާމަކުރިގޮތުގައި ކޯޓުއާގެ ކަނާތު ކަކުލަށް ވަނީ ސީރިއަސް އަނިޔާއެއް ވެފައެވެ. މިއަނިޔާގެ ސަބަބުން ކޯޓުއާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ މުއްދަތެއް އެޓީމުން ހާމަކޮށްފައެއް ނުވެއެވެ.

ކޯޓުއާއަށް މިއިންޖަރީއާ ކުރިމަތިވެފައިމިވަނީ މިސީޒަނުގެ ކުރީކޮޅު އޭނާގެ ވާތު ފައިގެ ކަކުލަށް ދިމާވި އަނިޔާއިން ރަނގަޅު ވުމުގެ ފަހު މަރުހަލާތަކުގައި ވަނިކޮށެވެ. ނަމަވެސް އަލަށް މިދިމާވި އިންޖަރީއާއެކު މިސީޒަނުގައި ކޯޓުއާއަށް ދެން ކުޅެވޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތެވެ.