އައްޑު ސިޓީކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ "އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް" ގެ ފައިނަލުގެ ފުރަތަމަ ޖާގަ މެދުވަލު އެފްސީ ހޯދައިފިއެވެ. މުބާރާތުގެ ފައިނަލަށް އެޓީމް ދަތުރުކުރީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އެފްސީ ބޭރުމައްޗާ ސެމީފައިނަލުގައި ބައްދަލުކޮށް 6-5 ލަނޑުން މޮޅުވެގެންނެވެ.

އައްޑޫ ފުޓުބޯޅަ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް ވަނީ 1-1 ލަނޑުން އެއްވަރުވެފައެވެ. އެހެން ކަމުން ނަތީޖާ ނެރެންޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ވާދަވެރި ކުޅުމަކަށްފަހު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ދެޓީމުން ވެސް "މަރަށް" ކުޅުނު މިމެޗުގައި ބޭރުމަތި ޓީމަށް ހާސްކަން ކުރިމަތިވީ މެޗުގެ 47 ވަނަ މިނިޓުގައި އެޓީމުގެ މުހައްމަދު ސާޖިދަށް ރެފްރީ ރަތްކާޑު ދެއްކުމުންނެވެ. މެޗުގެ ބާކީބައި އެޓީމުން ފުރިހަމަ ކުރަން ޖެހުނު ކުޅުންތެރިއަކު މަދުކޮށްނެވެ. އެހެންނަމަވެސް އެކަމުގެ އެޑުވާންޓޭޖު އިދިކޮޅު ޓީމަށް ނުނެގުނެވެ.

މި މެޗުގެ ފުރަތަމަ ލަނޑު 53 ވަނަ މިނިޓުގައި ކާމިޔާބު ކުރީ މެދުވަލު އެފްސީ އިންނެވެ. އެޓީމަށް ލަނޑުޖަހައި ލީޑު ނަގައިދިނީ އެޓީމުގެ އިބްރާހީމް ސިރާޖެވެ. އެއް ކުޅުންތެރިން މަދުކޮށް ކުޅެމުންދިޔަ ބޭރުމަތި އެއްވަރު ކުރި ލަނޑު ޖެހީ މެޗުގެ 64 ވަނަ މިނިޓުގައެވެ. އެޓީމަށް އެލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަހުމަދު ނާޝިދެވެ.

އެއްވަރުވެގެން މެޗު ނިމުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޝޫޓުއައުޓުގައި މެދުވަލު އެފްސީ އިން ވަނީ އެޓީމުގެ ފަސް ޕެނަލްޓީވެސް ކާމިޔާބިކޮށްފައެވެ. ބޭރުމަތި ޓީމަށް ކާމިޔާބު ކުރެވުނީ 4 ޕެނަލްޓީއެވެ. ކާމިޔާބު ނުވެ ވިސްވީ ނާޝިދު ޖެހި ޕެނަލްޓީއެވެ. އެ ޕެނަލްޓީގެ ހުރަހަކަށްވީ މެދުވަލު އެފްސީގެ ކީޕަރު ޒަޔާނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮފިވައިވަނީ އޭނާއެވެ.

މުބާރާތުގެ ފައިނަލްގައި މެދުވަލު އެފްސީ ބައްދަލުކުރާނީ، ސެމީގެ ދެވަނަ މެޗުން މޮޅުވާ ޓީމަކާއެވެ. ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ފޭދޫ ސްޕޯޓްސް އާއި ފާހި ސްޕޯޓްސް އެވެ. މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އެހެންނަމަވެސް އައްޑޫ ސިޓީން ކޮވިޑް ކޭސްތައް ފެނުމުން ދެވަނަ ސެމީއާއި ފައިނަލް ލަސްވުމުގެ ފުރުސަތު އެބައޮތެވެ.