ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާންގެ ކޮންޓްރެކްޓް އާކުރަން އެކްލަބުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް އިތުބާރުހުރި ޖާނަލިސްޓް ފަބްރީޒިއޯ ރޮމާނޯ ބުނެފިއެވެ.
ވަރާންގެ ކޮންޓްރެކްޓް އާކުރަން ޔުނައިޓެޑުން މަސައްކަތް ކުރަމުން ނުދާކަން ފަބްރީޒިއޯ ހާމަ ކުރީ އޭނާ އިންސްޓަގްރާމްގައި އާއްމު ކުރި ޕޯސްޓެއްގައެވެ.
"ވަރާންއަށް އާ ކޮންޓްރެކްޓެއް ހުށަހަޅާފައިވާކަމަށް ރިޕޯޓުތަކުން ބުނަމުން އަންނަކަމުގައިވި ނަމަވެސް އޭނާއާ ޔުނައިޓެޑާ ދެމެދު ކޮންޓްރެކްޓް އާކުރުމުގެ ގޮތުން އެއްވެސް ވާހަކައެއް ދެކެވިފައެއް ނެތް" ޔުނައިޓެޑުގައި ވަރާންގެ ކުރިމަގު އޮތް ގޮތާ ބެހޭ ގޮތުން ހާމަ ކުރި ޕޯސްޓުގައި ފަބްރީޒިއޯ ބުންޏެވެ.
މިއަންނަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ކުރިން ވަރާންގެ ކޮންޓްރެކްޓް އާނުކޮށްފިނަމަ, އަންނަ ޓްރާންސްފާ ވިންޑޯގައި އެއްވެސް އަގަކާ ނުލައި އޭނާއަށް އެހެން ކްލަބަކަށް ސޮއި ކުރެވޭނެއެވެ.