އާސެނަލްއަށް ކުޅެމުން އަންނަ ޖަޕާނުގެ ޑިފެންޑަރު ޓަކެހީރޯ ޓޮމިޔަސޫ އެކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކޮށްފިއެވެ.

ޓޮމިޔަސޫ ކޮންޓްރެކްޓް އާކުރިކަން އިތުބާރުހުރި ޖާނަލިސްޓް ފަބްރީޒިއޯ ރޮމާނޯ އިންސްޓަގްރާމްގައި އާއްމު ކުރި ޕޯސްޓެއްގައި ވަނީ ޔަގީން ކޮށްދީފައެވެ. އެޕޯސްޓުގައި ފަބްރީޒިއޯ ހާމަ ކުރިގޮތުގައި ޓޮމިޔަސޫ ސޮއި ކުރި އާ ކޮންޓްރެކްޓްގެ ދަށުން, އޭނާ 2026 ވަނަ އަހަރާ ހަމައަށް އާސެނަލްގައި މަޑު ކުރާނެއެވެ.

ޓޮމިޔަސޫ އާސެނަލްގައި މަޑުކުރަން ނިންމާ, އާކޮންޓްރެކްޓުގައި ސޮއި ކުރުމާއެކު ކްލަބުގެ ސްޕޯޓިން ޑިރެކްޓަރު އެޑުއާޑް ގާސްޕޯ ވަނީ ޓޮމިޔަސޫގެ ނިންމުމާ މެދު އުފާފާޅުކުރާކަން ހާމަކޮށްފައެވެ.

"އަހަރެމެން ވަރަށް އުފާކުރަން ޓޮމިޔަސޫ އާސެނަލްގައި މަޑުކުރަން ނިންމީމަ. ޓޮމިޔަސޫގެ ހުނަރުވެރިކަން ޓީމު އާއުސްމިންތަކަށް ވާސިލުވުމަށް ޓަކައި ކުރާ މަސައްކަތަށް ވަރަށް މުހިއްމު ވެގެންދާނެ" ޓޮމިޔަސޫ އާސެނަލްގައި މަޑުކުރަން ނިންމި ނިންމުމާ ބެހޭ ގޮތުން ވާހަކަދައްކަމުން އެޑުއާޑް ބުންޏެވެ.

ޓޮމިޔަސޫ އާސެނަލްއަށް ސޮއި ކުރީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގައެވެ. އޭރު އޭނާ ކުޅެމުން އައީ އިޓަލީގެ ކްލަބެއް ކަމުގައިވާ ބޮލޯނިއާއަށެވެ. އާސެނަލްއަށް ސޮއިކުރި ފަހުން ޓޮމިޔަސޫ ވަނީ އެކްލަބަށް 73 މެޗު ކުޅެދީފައެވެ.