ފަރިތަކުރުންތަކުގައި ދިމާވި އިންޖަރީއަކާ ގުޅިގެން ބަޔާން މިއުނިކަށް ކުޅެމުން އަންނަ ތަޖުރިބާކާރު ގޯލްކީޕަރު މެނުއަލް ނޯޔާ ޖަރުމަނުގެ ގައުމީ ޓީމުގެ ސްކޮޑުގެ ޖާގަ ދޫކޮށްލައިފިއެވެ.

ޖަރުމަނުގެ ގައުމީ ޓީމުން ވަކިވުމާއެކު, އެޓީމުން 23 މާރިޗުވާ ދުވަހު ފްރާންސްއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން, 26 މާރިޗުވާ ދުވަހު ނެދަލޭންޑްސްއާ ކުޅޭ މެޗުގައި ނޯޔާއަށް ބައިވެރިއެއް ނުވެވޭނެއެވެ.

ޖަރުމަނުގެ ގައުމީ ޓީމުން ނެރުނު ބަޔާނެއްގައި ހާމަކުރި ގޮތުގައި ނޯޔާއަށް ދިމާވި އިންޖަރީއަކީ އޭނާގެ ވާތު ފައިގެ ފަލަމަސްގަނޑަށް ދިމާވި އިންޖަރީއެކެވެ.

"ފަރިތަކުރުންތަކުގައި ނޯޔާގެ ވާތު ފައިގެ ފަލަމަސްގަނޑަށް ދިމާވި އިންޖަރީއެއްގެ ސަބަބުން އޭނާ ވަނީ ގައުމީ ޓީމު ދޫކޮށް, އިންޖަރީއިން ރަނގަޅުވުމުގެ މަސައްކަތްތައް ފަށާފަ" ނޯޔާގެ އިންޖަރީއާ ބެހޭ ގޮތުން ޖަރުމަނުގެ ގައުމީ ޓީމުން ނެރުނު ބަޔާނުގައި އެޓީމުން ބުންޏެވެ.

ނޯޔާ އިންޖަރީވުމާއެކު ދެން ޖަރުމަނުގެ ގައުމީ ޓީމުގެ ކީޕަރުންގެ ގޮތުގައި ތިބޭނީ, ބާސެލޯނާއަށް ކުޅޭ މާކް އަންޑްރޭ ޓާސްޓޭގެންއާއި, ފުލަމްގެ ބާންޑް ލެނޯގެ އިތުރުން, ހޮފެންހެއިންމްގެ އޮލިވާ ބައުމަންއެވެ.