ރެއާލް މެޑްރިޑުން އެޓީމުގެ ގޯލްކީޕަރު އަންޑްރީ ލުނިންގެ ކޮންޓްރެކްޓް އާކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ރެއާލުގެ އެއްވަނަ ކީޕަރު ކަމުގައިވާ ތީބާއު ކޯޓުއާ އިންޖަރީގައި ހުރުމުގެ ސަބަބުން ފުރަތަމަ އެގާރައިން ޖާގަ ހޯދާފައިގާ ލުނިންގެ ކޮންޓްރެކްޓް 2025 ވަނަ އަހަރަށް ހަމަވާނެއެވެ. ނަމަވެސް ލުނިން ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން ރެއާލުން ވަނީ 2028 ވަނަ އަހަރާ ހަމައަށް މަޑުކުރުމުގެ ފުރުސަތުދީ, އާކޮންޓްރެކްޓެއް އޭނާއަށް ހުށަހަޅާފައެވެ.

ރެއާލުގެ ކޯޗު ކާލޯ އެންޗެލޯޓީގެ އިތުރުން ޓީމުގެ މެނޭޖްމަންޓުގެ އިތުބާރު ލުނިންއަށް އޮތުމާއެކު އޭނާ ރެއާލުގައި މަޑުކުރަން އެއްބަސްވެ, އާކޮންޓްރެކްޓުގައި ސޮއި ކުރާނެ ކަމަށް ރިޕޯޓުތަކުން ވަނީ ހާމަކޮށްފައެވެ.

ކޯޓުއާ އިންޖަރީވުމާ ގުޅިގެން ރެއާލުން ވަނީ ޗެލްސީގެ ކީޕަރު ކެޕާ އަރިޒަބަލާގާ އެޓީމަށް ލޯނު އެއްބަސްވުމެއް ދަށުން ގެނެސްފައެވެ. ނަމަވެސް ކޯޗު އެންޗެލޯޓީގެ އިތުބާރު ހޯދައި, ލުނިން ވަނީ ރެއާލުގެ އެއްވަނަ ކީޕަރު ކަމުގެ މަގާމު ހޯދާފައެވެ.

މިދިޔަ އަންގާރަ ދުވަހު, މިސީޒަނުގައި ކޯޓުއާއަށް ދިމާވި ދެވަނަ އިންޖަރީގެ ސަބަބުން މިސީޒަން ނިމެންދެން ރެއާލުގެ އެއްވަނަ ގޯލްކީޕަރުގެ ގޮތުގައި ހުންނާނީ ލުނިންއެވެ. އޭނާ ވަނީ މިސީޒަނުގައި ރެއާލަށް 23 މެޗު ކުޅެދީ 10 ކްލީން ޝީޓު ނަގާފައެވެ.