އޭޝިއަން ވޯލްޑް ކަޕު ކޮލިފައިންގ ގުރޫޕް "ސީ" ގައި ވަރުގަދަ ސައުތު ކޮރެއާ އަތުން 1-1 އިން އެއްވަރުކޮށް ތައިލޭންޑުން މުހިއްމު ޕޮއިންޓެއް ހޯދައިފިއެވެ.
ސައުތު ކޮރެއާގެ ދަނޑެއް ކަމުގައިވާ ސޯލް ވޯލްޑް ކަޕް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނީ ސައުތު ކޮރެއާއިންނެވެ. މެޗުގައި ޖުމްލަ ގޮތެއްގައި ސައުތު ކޮރެއާއިން ތައިލޭންޑްގެ ގޯލާ އަމާޒުކޮށް 25 ހަމަލާއެއް ފޮނުވާލާފައިވެއެވެ.
މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ ސައުތު ކޮރެއާއިންނެވެ. މިލަނޑު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓޮޓެންހަމަށް ކުޅެމުން އަންނަ ހިއުންގެ މިން ސޮންއެވެ. ސޮންގެ ގޯލާއެކު ސައުތު ކޮރެއާ ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ތައިލޭންޑުން ވަނީ ޓީމަށް ބަދަލުތަކެއް ގެނެސް ޓީމުގެ ކުޅުން ރަނގަޅުކޮށް, މެޗުގެ 62 ވަނަ މިނެޓުގައި ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއް ގޮތުގައި އެރި ސަފަނާތު މުއެންޓާއެވެ.
މެޗުގެ ނަތީޖާ ހަމަހަމަވުމާއެކު ސައުތު ކޮރެއާ ވަނީ އެޓީމުގެ ހަމަލާތައް ވަރުގަދަކޮށް, ލަނޑެއް ޖެހުމަށް އެތައް ފުރުސަތުތަކެއް ފަހިކޮށްފައެވެ. ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފުމުން އެޓީމަށް ވަނީ އެއް ޕޮއިންޓުން ފުއްދާލައިގެން މެޗު ނިންމާލަން ޖެހިފައެވެ.
މެޗުން އެއްވަރުވި ނަމަވެސް ސައުތު ކޮރެއާ އޮތީ, ކުޅުނު 3 މެޗުން ލިބުނު 7 ޕޮއިންޓާއެކު ގުރޫޕުގެ އެއްވަނައިގައެވެ. ވަރުގަދަ ސައުތު ކޮރެއާ މަތަކޮށްލި ތައިލޭންޑު އޮތީ, ކުޅުނު 3 މެޗުން ލިބުނު 4 ޕޮއިންޓާއެކު ގުރޫޕުގެ ދެވަނައިގައެވެ. ތިންވަނައިގައި އޮތް ޗައިނާއަށް ވެސް ލިބިފައިވަނީ 4 ޕޮއިންޓެވެ. އެންމެ ޕޮއިންޓަކާއެކު ގުރޫޕުގެ ފުލުގައި އޮތީ ސިންގަޕޫރެވެ.