Publish koffa in news balaigen mi news ge lead ragalhu kollan

އޭޝިއަން ވޯލްޑް ކަޕް ކޮލިފައިންގ ގުރޫޕު "ޖީ" ގައި ޕާކިސްތާނު އަތުން 3-0 އިން ފަސޭހަކަމާއެކު އުރުދުން މޮޅުވެއްޖެއެވެ.

ޕާކިސްތާނުގެ ދަނޑެއް ކަމުގައިވާ ޖިންނާ ސްޕޯޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗު އުރުދުން އިން ފަށާފައިވަނީ ވަރަށް ވަރުގަދަ ކޮށެވެ. އެގޮތުން މެޗު ފެށިގެން ދެވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މޫސާ އަލްޓާމަރީއެވެ.

އޭގެ 7 މިނެޓު ފަހުން ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން އުރުދުން ވަނީ އެޓީމުގެ ލީޑު ދެގޯލަށް ފުޅާކޮށްފައެވެ. މިޕެނަލްޓީ އެޓީމަށް ކާމިޔާބު ކޮށްދިނީ އަލީ އުލްވާންއެވެ. މެޗުގެ ފުރަތަމަ 9 މިނެޓު ތެރޭގައި ޖެހި ދެގޯލާއެކު އުރުދުން ފުރަތަމަ ހާފު ނިންމާލި ދެލަނޑު ސުން ލަނޑުން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ 82 ވަނަ މިނެޓުގައި އުރުދުންއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް އަލްޓަމާރީއަށް ވަނީ އެޕެނަލްޓީ ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ. ޕެނަލްޓީ ކާމިޔާބު ނުކުރެވުން ކަމުގައިވިއަސް މެޗުގެ 86 ވަނަ މިނެޓުގައި އަލްޓަމާރީ ވަނީ މެޗުގައި އޭނާގެ ދެވަނަ ލަނޑު ޖަހާ އުރުދުންގެ ލީޑު ތިން ގޯލަށް އިތުރުކޮށްފައެވެ.

މެޗުން ލިބުނު ތިން ޕޮއިންޓާއެކު އުރުދުން އޮތީ, ކުޅުނު ތިން މެޗުން ލިބުނު 4 ޕޮއިންޓާއެކު ގްރޫޕުގެ ތިންވަނައިގައެވެ. މެޗުން ބަލިވި ޕާކިސްތާނު އޮތީ ކުޅުނު ތިން މެޗުން ވެސް ބަލިވެ ގުރޫޕުގެ ފުލުގައެވެ. ގުރޫޕުގެ އެއްވަނައިގައި އޮތީ ސައުދީ އަރަބިއާއެވެ. އެޓީމު އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗުން ލިބުނު 6 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ޓަޖިކިސްތާނަށް ލިބިފައިވަނީ, ކުޅުނު ދެމެޗުން 4 ޕޮއިންޓެވެ.