އައްޑޫ ސިޓީ އިން މިއަދު ފެނުނު ކޮވިޑް ކޭސްތަކާ ގުޅުންހުރި އިތުރު މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މިފަހަރު ވެސް ޕޮޒިޓިވްވީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގެ ފުލޫ ކްލިނިކަށް ޑޮކްޓަރަށް ދެެއްކި މީހެކެވެ. އޭނާ އަކީ ވެސް މޯލްޑިވިއަންގައި މަސައްކަތް ކުރާ މީހެކެވެ. މީގެކުރިން ޕޮޒިޓިވްވި ދެ މީހުންނަކީ ވެސް މޯލްޑިވިއަންގެ ދެ މުވައްޒަފުންނެވެ.

ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް ވަނީ 30 އަށްވުރެ ގިނަމީހުން ފާހަގަ ކުރެވިފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ފުލޫ ކްލިނިކަށް ދެއްކި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ އެކު މިއަދު ވަނީ އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

އެންމެ ފުރަތަމަ ޕޮޒިޓިވް ކޭސްތަކެއް ފެނުނީ އައްޑޫ ސިޓީގެ ވަކިން އޮންނަ ހުޅުމީދުއިންނެވެ. އެރަށުން ޕޮޒިޓިވްވީ މަސައްކަތެއް ކުރުމަށް އެމްޓީސީސީން އެރަށަށް ފޮނުވި ބިދޭސީންތަކެކެވެ.

އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވީ ޕޮޒިޓިވް ކޭސްތަކެއް ފެނި މޮނިޓަރިންގެ ހާލަތަށް ގެނައި ނަމަވެސް އެ ސިޓީގެ ހާލަތު ރަނގަޅު ކަމަށެވެ. ރައްޔިތުންގެ ޒަރޫރީ ކަންތައްތަކަށް ބޭނުންވާ މުދާ ފިހާރަތަކުގައި އެބަހުރި ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ އެ ސިޓީގައި ބަލި ފެތުރިފައިވާ މިންވަރު އެނގިގެން ދާނީ ކޮންޓެކްޓްވި މީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓްކޮށް ނަތީޖާ ލިބުމުން ކަމަށެވެ.