ރާއްޖޭގައި އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ފައިސާ ލިބުމަށް ހުރި ހުރަސްތައް ނައްތާލުމަށް އީ-ވޮލެޓް އަންނަ މޭ މަހުގެ ތެރޭގައި ތައާރަފް ކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނުކުފާނު މިހެން ވިދާޅުވީ ރައީސް އޮފީހުން ކުރިއަށް ގެންދާ ''ރައީސްގެ ޖަވާބު" ގެ އިއްޔެގެ ސެގްމެންޓުގައި މާލެ ސިޓީ، މއ.ނައިޓްލައިޓް، އަބްދުﷲ އިނާން، އީ-ވޮލެޓުގެ ހިދުމަތް ތައާރަފްކުރުމުގެ އަދާހަމައެއް އޮޅުންފިލުވުމަށް އެދި ދެންނެވި ސުވާލަށް ދެއްވި ޖަވާބުގައެވެ.

އެގޮތުން ރައީސް މުއިއްޒު ވިދާޅުވީ އީ ވޮލެޓް ތައާރަފް ކުރުމަށް ވަރަށް ބާރަށް މަސައްކަތްތައް ހިނގަމުންދާ ކަމަށާއި އުއްމީދަކީ އެންމެ ލަސްވެގެން މޭ މަހުގެ ތެރޭގައި އީ ވޮލެޓްގެ ހިދުމަތް ތައާރަފް ކުރުން ކަމަށެވެ.

"އުއްމީދު ކުރަނީ މެއި މަހުގެ ތެރޭގަ އެންމެ ލަސްވެގެން އީ ވޮލެޓްގެ ހިދުމަތް ދެވިގެންދާނެ ކަމަށް" .
ރައީސް ވިދާޅުވިއެވެ

ބޭންކް އޮފް މޯލްޑިވްސްގައި މި ހިދުމަތް ތައާރަފްކުރުމަށް އެދުމާއެކު، ޕޭޕަލް ފަދަ އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށް ރާއްޖެއިން ފައިސާގެ މުއާމަލާތްތައް ކުރެވޭ ގޮތް ހެދުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅު ނިންމާފައެވެ.