ހދ.ވައިކަރަދޫ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 250 ކިލޯވޮޓްގެ އާ ޖަނަރޭޓަރެއް އެރަށަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ފެނަކައިން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އެ އައު ޖެނަރޭޓަރ އިންސްޓޮލޭޝަންގެ މަސައްކަތް މިއަދު ކުރެވޭނެކަމަށެވެ.

ވައިކަރަދޫއަށް ކަރަންޓް ދިނުމަށް ބޭނުންކުރާ ދެ ޖަނަރޭޓަރުގެ ތެރެއިން ބޮޑު ޖަނަރޭޓަރ ހަލާކުވެ އެ ރަށުގެ ކަރަންޓްގެ ހިދުމަތަށް ބުރޫއަރާފައި އޮންނަތާ މިހާރު ފަސް ވަރަކަށް ދުވަސް ފާއިތުވެފައިވާތީ އެ ރަށުގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކޮށް މުޒާހަރާ ކުރަމުންނެވެ.

މިހާރު އެރަށަށް ކަރަންޓް ދެމުން އަންނަ ޖަނަރޭޓަރުން މުޅިރަށަށް ބޭނުންވާވަރަށް ކަރަންޓް އުފައްދައިނުދޭތީ ހިދުމަތް ދެމުން ގެންދަނީ ރަށް ހަބަޔަކަށް ބަހާލައިގެން ކޮންމެ ބަޔަކަށް ގަޑިއިރަކަށެވެ.

ފެނަކައިން ވަނީ މިދަނޑިވަޅުގައި، އެރަށު ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ނިހާޔަތަށް މާފަށް އެދިވަޑައިގަންފައެވެ. އަދި ރައްޔިތުންގެ ފަރާތުން ލިބިލައްވާ އެއްބާރުލެއްވުމަށް އެ ކޯޕަރޭޝަނުން ވަނީ ޝުކުރުވެސް އަދާކުރައްވާފައެވެ.